އިޓަލީގެ މިލާނޯ ކޯޓީނާގައި މި އަަހަރު ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކް އަދި ޕެރަލިމްޕިކް ވިންޓަރ ގޭމްސްގައި ބައިވެރިވާ އެތުލީޓުންނަށް ހާއްސަކޮށްގެން، ސެމްސަންގުން "ގެލެކްސީ ޒެޑް ފްލިޕް 7 އޮލިމްޕިކް އެޑިޝަން" ފޯނު ރަސްމީކޮށް ދައްކާލައިފިއެވެ. މި ފޯނަކީ އާންމުންނަށް ވިއްކުމަށް ތައްޔާރުކޮށްފައިވާ ފޯނެއް ނޫން ކަމަށާއި، މިއީ ހަމައެކަނި މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ހަދިޔާކުރާ ފޯނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ސެމްސަންގުން ހާމަކޮށްފައިވާ ގޮތުގައި، މާދަމާއިން ފެށިގެން ގާތްގަނޑަކަށް 90 ގައުމަކުން އަންނަ 3,800 އެތުލީޓުންނަށް މި ފޯނު ބަހަން ފަށާނެއެވެ. މި ފޯނު ބޭނުންކޮށްގެން އެތުލީޓުންނަށް މުބާރާތުގެ ތާވަލުތައް ބެލުމާއި، މުއާމަލާތް ކުރުމާއި، ދުވަހުގެ ކަންކަން ރޭވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސެމްސަންގުން ބުނެއެވެ.

ފޯނުގެ ފަރުމާއާއި އެތުލީޓުންނަށް ހާއްސަ ފީޗާތައް

ގެލެކްސީ ޒެޑް ފްލިޕް 7 އޮލިމްޕިކް އެޑިޝަން ފަރުމާކޮށްފައިވަނީ މިލާނޯ ކޯޓީނާ 2026 ގެ ރަސްމީ ކުލަ ކަމަށްވާ ނޫކުލައިގެ ބެކް ގްލާސްއަކާއެކުގައެވެ. އަދި ފޯނުގެ ވޯލްޕޭޕަރުތައް ފަރުމާކޮށްފައިވަނީ ފިނި މޫސުމުގެ ކުޅިވަރުތަކާއި އެތުލީޓުންގެ ހަރަކާތްތައް ރަމްޒުކޮށްދޭ ގޮތަށެވެ.

މި ފޯނުގައި ހިމެނޭ "ގެލެކްސީ އޭއައި" ގެ އެހީގައި، ފޯނު ނުހުޅުވައި ބޭރުގައި ހުންނަ "ފްލެކްސް ވިންޑޯ" މެދުވެރިކޮށް މުހިންމު އަޕްޑޭޓްތައް ބަލައިލުމާއި ފޮޓޯ ނެގުން ފަދަ ކަންކަން ކުރެވޭނެއެވެ. މި ފޯނުގައި 50 މެގަޕިކްސެލްގެ މައި ކެމެރާއަކާއި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއެއް ހިމެނެއެވެ.

މީގެ އިތުރުން "ނައު ބްރީފް" ފީޗާ މެދުވެރިކޮށް ދުވަހުގެ ހުލާސާއާއި، ކަލަންޑަރު އަދި ފިޓްނަސް މައުލޫމާތު ފަސޭހައިން ބަލައިލެވޭނެއެވެ. އެތްލީޓް365 އެޕް މެދުވެރިކޮށް މުބާރާތުގެ ތާވަލާއި، ސިއްހީ މައުލޫމާތާއި، މުބާރާތާ ގުޅޭ އެންމެ ފަހުގެ ހަބަރުތައް އެތުލީޓުންނަށް ލިބޭނެއެވެ.

ކޮންމެ އެތުލީޓަކަށް ދޫކުރާ ފޯނާއެކު 100 ޖީބީގެ 5ޖީ އީ-ސިމެއް ހިލޭ ލިބޭނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ. ޑިޖިޓަލް ވޮލެޓްގެ އެހީގައި އެތުލީޓުންގެ އަވަށުގައި ހުންނަ ކޮކާކޯލާ ވެންޑިން މެޝިންތަކުން ހިލޭ ބުއިންތައް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.

އެތުލީޓުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް "ގެލެކްސީ އެތުލީޓް ކާޑް" ބޭނުންކޮށްގެން ޑިޖިޓަލް ޕްރޮފައިލް ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ސެމްސަންގުން ބުނެއެވެ. އޮލިމްޕިކް އަވަށުގެ ޖިމްތަކުގައި ހުންނަ މެޝިންތަކާ ފޯނު ގުޅާލައިގެން ކަސްރަތުގެ ތަފްސީލުތައް ބަލައިލެވޭ ފިޓްނަސް އެޕެއްވެސް މި ފޯނުގައި ހިމަނާފައިވެއެވެ.