ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނޯން އާއި ދަނޫޝް މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު "ތޭރޭ އިޝްޤް މޭ" ނެޓްފްލިކްސްގައި ރިލީޒްކުރުމާއެކު، އެ ފިލްމުގައި ހިމެނޭ މަންޒަރަކާ ގުޅިގެން ތައުލީމީ ދާއިރާގެ މީހުންނާއި ދިރާސާވެރީންގެ މެދުގައި ބަހުސްތަކެެއް ފެށިއްޖެއެވެ.

މި ފިލްމުގައި ކްރިތީ ކުޅެފައިވަނީ ދިއްލީ ޔުނިވަސިޓީގައި ސައިކޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހަދަމުންދާ މުކްތީ ބެނިވާލް ނަމަކަށް ކިޔާ ދަރިވަރެއްގެ ރޯލެވެ. ފާޑުކިޔުން އަމާޒުވެފައިވަނީ އޭނާގެ ކެރެކްޓަރުން 2،200 ސަފުހާގެ ޕީއެޗްޑީ ތީސީސްއެއް ހުށަހެޅިކަމަށް ބުނާ މަންޒަރަށެވެ. މިއީ އެއްވެސް ވަރަކަށް ހަގީގަތާ އެއްގޮތް ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޖޯކު ޖަހަމުންނެވެ.

މިކަމާ ގުޅިގެން 'އެކްސް' ގައި ޕީއެޗްޑީ ދަރިވަރުންނާއި ދިރާސާވެރިން އަންނަނީ އެކި ކަހަލަ މީމްތަކާއި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން އެއް ދަރިވަރަކު ބުނެފައިވަނީ 2،200 ސަފުހާގެ ތީސީސްއެއް ލިޔުނު ކިޔަވާ ކުއްޖަކާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށާއި، ފިލްމުތަކުގައި ކަންކަން ކުލަގަދަކޮށް ދެއްކިޔަސް، ކޮންމެވެސް ވަރެއްގެ ހަގީގަތެއް ހުންނަންވާނެ ކަމަށެވެ.

އިތުރު ދަރިވަރަކު ފާހަގަކުރި ގޮތުގައި، އޭނާގެ 385 ސަފުހާގެ ތީސީސް ލިޔުމަށް ވެސް ހަތަރު އަހަރު ދުވަހު ކޮންމެ ދުވަހަކު މަސައްކަތް ކުރަންޖެހުނު ކަމަށާއި، 2،200 ސަފުހާއަކީ ގަބޫލުކުރަން ދަތި އަދަދެއް ކަމަށެވެ. އަދި އެހާ ދިގު ތީސީސްއެއް އެއްވެސް ގައިޑަކު ބަލައިނުގަންނާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް ޑްރާމާއަކީ 2013 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ރާންޖަނާ" އާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. 2025 ނޮވެމްބަރުގައި ސިނަމާތަކަށް އައި މި ފިލްމަށް ބޮކްސް އޮފީހުގައި 161 ކްރޯޑް ރުޕީސް ލިބިފައިވީ ނަމަވެސް، ފިލްމަށް ލިބިފައިވަނީ މަސްހުނި ފާޑުކިޔުންތަކެކެވެ. އޭ.އާރް ރަހުމާން މިޔުޒިކް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ހިމާންޝޫ ޝަރްމާ އާއި ނީރަޖް ޔާދަވްގެ ސްކްރީންޕްލޭއަކަށް އުފައްދާފައިވާ ފިލްމެކެވެ.

މީގެ އިތުރުން، "ރާންޖަނާ" ފިލްމުގެ ހައްގުތަކާ ގުޅިގެން އީރޯސް އިންޓަނޭޝަނަލް އިން ވަނީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ މައްޗަށް 84 ކްރޯޑް ރުޕީސްގެ ބަދަލު ހޯދުމަށް ދައުވާކޮށް، ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް ވެސް ފިލްމު ވައްދައިފައެވެ.