މިނިސްޓްރީ އޮފް ހެލްތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްގެން ރާއްޖެ ގެނެސްފައިވާ 56 އެމްބިއުލަންސްގެ ތެރެއިން 28 ރަށަކަށް އެމްބިއުލަންސް ގެންގޮސްފިއެވެ.

އެމްޕީއެލުން ބުނީ 29 އެމްބިއުލަންސު މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާފައިވާ ކަމަށާއި އެއް އެމްބިއުލަންސު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެމްޕީއެލުން ބުނީ ބާކީ ހުރި އެމްބިއުލަންސްތައް ވެސް ލިބެންޖެހޭ ރަށްތަކަށް، ކައިރި މުސްތަގުބަލެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

ހެލްތް މިނިސްޓްރީން އެމްޕީއެލްއާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ތެރެއިންނެވެ. އެ ތަކެތި މާލެ ގެނައީ މިމަހުގެ 19ގައެވެ.

28 ޖެނުއަރީ 2026: މިނިސްޓްރީ އޮފް ހެލްތުން އެމްޕީއެލްއާ ހަވާލުކޮށްގެން ރާއްޖެ ގެނެސްފައިވާ 56 އެމްބިއުލަންސް ރަށްތަކާ ހަވާލުކުރުން --- ފޮޓޯ/ އެމްޕީއެލް

އެ މަސައްކަތުގެ ދަށުން ފުރަތަމަ 56 އެމްބިއުލާންސް މާލެ ގެނެސް އެރަށްރަށާ ތަޅުދަނޑު ވަނީ ހަވާލުކޮށްފައެވެ.

މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސްތަކާއި ގްރޭޓާ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް އެ ހިދުމަތް ވެސް ފެށޭނެ ކަމަށް ހެލް މިނިސްޓްރީން ބުންޏެވެ.