އިންޑިއާގެ ވެސްޓް ބެންގޯލް އިން މިމަހު ފެނުނު ނިޕާ ވައިރަހުގެ ނުރައްކާ އޮތް މިންވަރު ރާއްޖެއަށް ކުޑަ ކަމަށާއި ނަމަވެސް ހާލަތު މޮނީޓާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ބައްޔާ ގުޅޭގޮތުން އެއްވެސް ކޭސްއެއް އަދި ކޮންޓެކްޓްވި ފަރާތެއްވެސް މިހާތަނަށް އެ އެޖެންސީއަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.
ވެސްޓް ބެންގޯލް އިން ނިޕާ ވައިރަހަށް ޕޮޒިޓިވް ތިން މީހަކުވަނީ ފެނިފައެވެ. ކޮންޓެކްޓްވި 180 އަށްވުރެ ގިނަ މީހުން ދެނެގަނެވި. އެމީހުން މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެގައިވެއެވެ. އަދި ކަރަންޓީނު ކޮށްފައިވާ މީހުންގެ ހާލަތު އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
މީގެ އިތުރުން ބަލި ޖެހިގެން އިތުރު ކޭސްއެއް މިއަދާ ހަމައަށް ފެނިފައި ނުވާ އިރު، މި ކޭސްތަކާ ގުޅިގެން އިންޑިއާގެ އިތުރު އެހެން އެއްވެސް ސަރަހައްދަކުން އަދި އެހެން ގައުމަކުން މި ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް ކޮއްފައި ނުވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މީގެ ކުރީ އަހަރުތަކުގައި ނިޕާގެ ކޭސްތަކެއް އިންޑިއާ އަދި އެހެން ގައުމުތަކުންވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނިޕާ ވައިރަހަކީ ކޮބާ؟
ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާލުން (finit bat) އަދި އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. މި ބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާއާއި ތަރުކާރީ ފަދަ ތަކެތި ބޭނުންކުރުމުން އިންސާނުންނަށް ބަލި ފެތުރެއެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށްވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
ބަލި ޖެހޭ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ އާންމު އަލާމާތްތައް:
- ހުން އައުން
- ބޮލުގައި ރިއްސުން
- ކެއްސުން
- ކަރުގައި ރިއްސުން
- ނޭވާލާން އުނދަގޫވުން
- ބަލި ބޮޑުވަމުންދާ ވަރަކަށް ބައެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުން، ނުވަތަ ފިޓުޖެހުން ހިމެނޭ
އެޗްޕީއޭ އިން ބުނީ މި ބަލި ޖެހޭ ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ވެސް ހިނގައިދާނެ ކަމަށެވެ. މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނެތް ނަމަވެސް، ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރެވޭ ކަމަށެވެ.
މި ދުވަސްވަރު ވެސްޓް ބެންގޯލްއަށް ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އާއިޝަތު މާހާ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)