ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
އެ މަނިކުފާނު އެގޮތަށް ކަނޑައެޅުއްވީ މިއަދު ނެރުއްވި ގަރާރެއްގައެވެ. ކޮންމެ އަހަރެއްގައިވެސް އެ އަހަރެއްގައި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ މިންވަރު ކަނޑައަޅައި އިއުލާން ކުރަންޖެހެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެސްއީޒެޑްގައި ހިންގިދާނޭ އިގުތިސޯދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމުލަ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތަކާއި، ޖުމުލަ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކެވެ.
ސްޓްރެޓީޖިކް އިންވެސްޓްމަންޓުތަކުގެ ތެރެއިން، އިންވެސްޓްމަންޓެއް ހިމެނޭގޮތުން ގާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ވަނީ ހިމަނައިފައެވެ. އެއީ:
- އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް
- ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ސާވިސަސް
- ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް
- ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް
- އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް
- އިއާދަކުރަނިވި ހަކަތައިގެ ދާއިރާ
- ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް
- ފުޑް ސެކިއުރިޓީގެ ދާއިރާ
- ތެލާއި، ގޭހާއި، މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް
ޖުމުލަ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި އެންމެ ކުޑަ އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އާއިޝަތު މާހާ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ