މާލޭ ވިޔަފާރި ބަނދަރުގައި، ކޮންޓެއިނަރު އުފުލަން ބޭނުންކުރާތާ 19 އަހަރުވީ ކެރޭނުތައް އަޕްގްރޭޑްކުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފަށައިފިއެވެ

އެމްޕީއެލުން އެކްސްގައި ރޭ ބުނީ ކޮންޓެއިނަރުތައް އުފުލަން ބޭނުންކުރާ އެ ކުންފުނީގެ އާރުޓީޖީ ކެރޭނުތައް ޒަމާނީކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެފިޝިއެންސީ ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ އާރްޓީޖީ ކްރޭންތައް އަޕްގްރޭޑް ކުރުމާއި މެއިންޓެނެންސް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ. މި އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން" އެކުންފުނިން ބުންޏެެވެ.

27 ޖެނުއަރީ 2026: ކޮންޓެއިނަރު އުފުލަން ބޭނުންކުރާތާ 19 އަހަރުވީ އާރުޓީޖީ ކެރޭނުތައް ޒަމާނީކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް --- ފޮޓޯ/އެމްޕީއެލް

އެ ކުންފުނިން ބުނީ ފޭސް އެކެއްގައި ކޮންޓްރޯލް އެންޑް ޑްރައިވް ސިސްޓަމް ޒަމާނީ ކުރުމަށް ހަމަޖެހިފައިވާ އިރު، މި އަހަރުގެ ޖުލައި މަހުން ފެށިގެން ފަށާ ދެވަނަ ފިޔަވަހީގައި ޕަވަރ ސިސްޓަމްތަކާއި އިންޖީނުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދާނެ ކަމަށެވެ.

2007 ވަނަ އަހަރުން ފެށިގެން 19 އަހަރު ވަންދެން ބޭނުންކުރަމުން އަންނަ އާރްޓީޖީ އަކީ ރިލަޔަބިލިޓީ އާއި ޕާފޯމަންސް ދެމެހެއްޓުމަށް ވަރަށް މުހިންމު އަޕްގްރޭޑެއް ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ދުވަހުން ދުވަހަށް ގެންނަ މުދާ އެތަނުން ބޭރުކުރުމަށް ޒަމާނީ ފެންވަރުގެ ގިނަ މަސައްކަތްތަކެއް ކުރިޔަށްގެންދާ ސަރަހައްދެކެވެ. އަދި އެ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ތިލަފުށީ ބަނދަރު ތަރައްގީކޮށް، ބައެއް އޮޕަރޭޝަންތައް ބަދަލުކުރަން ވަނީ ނިންމައިފައެވެ.