ޖުމްހޫރީ ދުވަހަކީ ހެޔޮވެރިކަމަށް އިންޑިއާއިން ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ، އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ރަސްމީ އެކްސް އެކައުންޓުން ދުވަހުގެ ހެޔޮއެދުންތައް ހިއްސާކުރެއްވުމަށް ކުރެއްވި ޕޯސްޓެއްގައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހަކީ މިނިވަންކަމާއި ޑިމޮކްރަސީއާއި ހެޔޮވެރިކަމަށް އިންޑިއާއިން ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ފޮނުއްވުމަށް ރައީސް ވަނީ ސިޓީފުޅެއް ވެސް ފޮނުއްވައިފައެވެ.

ރައީސް އޮފީހުން ބުނީ އެ މުނާސަބަތާ ގުޅިގެން ރައީސް މުރްމުއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ 60 އަހަރުވީ ރަޙުމަތްތެރިކަން ބިނާކޮށްފައިވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި އިހުތިރާމާއި ފަހުމުވުންތަކުގެ ބިންގަލުގެ މަތީގައި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ބޮޑުވަޒީރު މޯދީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، ދެ ގައުމުގެ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ފެންނާން ހުރި ތަރައްގީ، ފަހުރުވެރިކަމާއެކު ހަނދާންކުރައްވާފައި ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީގެ ބެއްލެވުމުގެ ދަށުން، ސަރަހައްދީ ފެންވަރުގައި އިންޑިއާއިން ދައްކާ އިސްނެގުން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ދެ ގައުމުން މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، އަމަލީގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމުގެ ޢަޒުމުގައި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.