އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ ޝަރަފުވެރި "ޕަދްމާ އެވޯޑްސް" މިއަހަރު ލިބޭ ފަރާތްތައް އިއުލާންކޮށްފިއެވެ. 2026 ވަނަ އަހަރުގެ މި އެވޯޑްތަކުގެ ތެރެއިން، އިންޑިއާ ސިނަމާގެ މަޝްހޫރު ސުޕަސްޓަރ މަމޫޓީއަށް "ޕަދްމާ ބޫޝަން" އެވޯޑް ވަނީ ދީފައެވެ. އަދި މިދިޔަ އަހަރު މަރުވި ކުރީގެ މަޝްހޫރު ފިލްމީ ތަރި ދަރްމެންދުރާއަށް، އޭނާ ސިނަމާއަށް ކޮށްދީފައިވާ މުހިންމު ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން "ޕަދްމާ ވިބޫޝަން" އެވޯޑް ވަނީ ދީފައެވެ.

މި އުފާވެރި ހަބަރު ލިބުނުއިރު މަމޫޓީ ހުރީ ޓްރިވެންޑްރަމްގައެވެ. މިކަމާ ގުޅޭގޮތުން ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، މި ޝަރަފު ލިބުމުން އިންތިހާއަށް އުފާވާ ކަމަށާއި، ގައުމީ މިފަދަ މަތިވެރި ޝަރަފެއް ލިބުމަށްވުރެ ބޮޑުކަމެއް ނޯންނާނެ ކަމަށެވެ. 400 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ މަމޫޓީއަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން އިންޑިއާގެ ގައުމީ ފިލްމް އެވޯޑްވެސް ވަނީ ލިބިފައެވެ. 2025 ވަނަ އަހަރު އިންޑިއާގެ އެންމެ މަތީ ފިލްމީ އެވޯޑް ކަމަށްވާ "ދާދާސާހޭބް ޕާލްކޭ އެވޯޑް" ލިބިފައިވަނީ މަމޫޓީއާއެކު ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މޯހަންލާލް އަށެވެ.

އިންޑިއާ ސިނަމާގެ ރަންޒަމާނުގެ ތަރި ދަރްމެންދުރާ މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގައެވެ. އޭނާގެ ވަކިވެދިއުމަކީ އިންޑިއާގެ ފިލްމީ ސިނަމާއަށް ލިބުނު ބޮޑު އުނިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މަމޫޓީގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ "ޕޭޓްރިއޮޓް" ކިޔާ ސްޕައި އެކްޝަން ޑްރާމާއަކުންނެވެ. ގިނަ އަހަރުތަކަކަށްފަހު މަމޫޓީއާއި މޯހަންލާލް އެކުގައި ފެންނަ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް 23 ގައެވެ. މީގެ އިތުރުން މަޝްހޫރު ޑައިރެކްޓަރު އަދޫރު ގޯޕާލަކްރިޝްނަންގެ "ޕަދަޔާތުރާ" ގެ މަސައްކަތްވެސް އޭނާ މިހާރު އަންނަނީ ކުރަމުންނެވެ. މިއީ 32 އަހަރުގެ މެދުކެނޑުމަކަށްފަހު މަމޫޓީ އާއި އަދޫރު އެކުގައި މަސައްކަތްކުރާ ހަތަރުވަނަ ފިލްމެވެ.