'ރާޔާ މާލެ' ކިޔާ އެކައުންޓުއަކުން ގަހަނާ ވިއްކުމުގެ ނަމުގައި، އިންޓަނެޓު ބޭންކިންގެ މައުލޫމާތު ހޯދަމުންގެންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ރޭ ބުނީ އެ ވެބްސައިޓަކީ ކާޑުގެ މައުލޫމާތުގެ އިތުރުން އިންޓާނެޓް ބެންކިން ކްރެޑެންޝިއަލް (އެކައުންޓް ވެރިފަރާތުގެ މައުލޫމާތު) ވަގަށް ނެގުމަށް ހިންގަމުންދާ ސްކޭމެއް ކަމަށެވެ.

އެގޮތުން ކްލޯޝާ ސޭލެއްގެ ނަމުގައި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީގެން ކަސްޓަމަރުން ހޯދަމުންދާ ކަމަށާއި އެ މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން އިންޓާނެޓް ބޭންކިނަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ ފޭރިގަންނަން މަސައްކަތްކުރާކަން ފާހަގަވެފައިވާ ކަމަށެވެ.

"ބޭންކަށް ވަނުމަށް އެއްވެސް ވެބްސައިޓެއްގައި ދީފައިވާ ލިންކަކަށް ނުފިއްތަވާ. އޯޓީޕީ އަކީ އެކައުންޓުން ފައިސާ ފޮނުވުމަށް ދެވޭ ކޮޅުކަން ހަނދާން ބަހައްޓަވާ. އެއްވެސް ލިންކެއްގައި OTP ނުޖައްސަވާ." ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.

އެ ވެބްސައިޓުގައި މައުލޫމާތު ޖެހިފައިވާނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި އެކައުންޓް އަދި ކާޑު ބްލޮކް ކުރުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިފައިވެއެވެ.