ދިރާގުން ބައިނަލްއަގުވާމީ ތައުލީމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީގެ ދަރިވަރުންނަށް ހާއްސަކޮށްގެން "ދިރާގު ސްޓޫޑެންޓް ކަނެކްޓް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ޒުވާނުން ބާރުވެރިކުރުމުގެ މަގުސަދުގައި ދިރާގުން ތައާރަފުކޮށްފައިވާ ހަރަކާތެކެވެ.

"ދިރާގު ސްޓޫޑެންޓް ކަނެކްޓް"ގެ ދަށުން ބާއްވާ ފުރަތަމަ އެޑިޝަން ކަމުގައިވާ "އައިސިކް އެޑިޝަން" ބާއްވައިފައިވަނީ ދަރިވަރުންނަށް ހާއްސަ އޮފާތަކާއި ޑިސްކައުންޓްތަކާއި، ގޭމިންގެ އިތުރުން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކާއެކުގައެވެ.

އެ އިވެންޓުގައި ބައިވެރިވި ދަރިވަރުންނަށް ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑުގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަނެއް ވަނީ މުޅިން ހިލޭ ދީފައެވެ. އޭގެ ސަބަބުން ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭގެ އެކި އައުޓްލެޓްތަކުން ހާއްސަ އޮފާތަކާއި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.

24 ޖެނުއަރީ 2026، ތައުލީމީ ދުވަހުގެ މުނާސަބަތުގައި ދިރާގުން ދަރިވަރުންނަށް ހާއްސަ އިވެންޓެއް ބޭއްވުން -- ފޮޓޯ/ ދިރާގު

އެ އިވެންޓުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަށް އެހީތެރިވެދީ، ޒުވާނުން އިހުތިޔާރުކުރާ މުސްތަގުބަލަށް ވާސިލުވުމަށް ބޭނުންވާ އަގުހުރި ފުރުސަތުތަކާއި ވަސީލަތްތައް އަދި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ތައުލީމީ ދާއިރާގައި ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ދިރާގުގެ ޑިރެކްޓާ އޮފް ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ގޮތުން ކުރިއަރަމުން އަންނަ ޒަމާނެއްގައި، އުނގެނުމަށް ބެނުންވާ އޭ.އައި ވަސީލަތްތަކުން ފެށިގެން ހައި-ސްޕީޑް އިންޓަނެޓް ފަދަ ޑިޖިޓަލް ހިދުމަތްތަކުގެ އެހީގައި ދަރިވަރުންނަށް ތައުލީމީ ގޮތުން، އެކި ދާއިރާތަކުން އަދި އުފެއްދުންތެރިކަމުގެ ގޮތުން ކުރިއަރައި ދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އަދި އައިސިކް މޯލްޑިވްސްގެ ފަރާތުން އެ އިވެންޓްގައި ވާހަކަދައްކަވަމުން އިލްޔާސް ހަނީފް ވިދާޅުވީ ދިރާގުން ދަރިވަރުން ކުރިއެރުވުމަށް ދޭ އަހަންމިއްޔަތު ކަމަށާއި، އަދި ދިރާގާއި އައިސިކް މޯލްޑިވްސްއާ ދެމެދު އޮތް ޕާޓްނާޝިޕްގެ ދަށުން ދަރިވަރުންނަށް އަގުހުރި އަދި ބޭނުންތެރި ފައިދާތައް ފޯރުކޮށްދިނުމަށް ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

ދިރާގުން ދަނީ ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާއްސަ އޮފާތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.