އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިހާރު އެގެންދަވަނީ ގްރީންލެންޑް ހިފުމަށް މަސައްކަތް ކުރައްވަމުންނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް ގްރީންލެންޑް އެމެރިކާގެ ހުކޫމަތުގެ ދަށަށް ގެންނާނަމޭ އެބަ ވިދާޅުވެއެވެ. ގްރީންލެންޑަކީ ޔޫރަޕުގެ ގައުމެއް ކަމަށްވާ ޑެންމާކުގެ ތަނެކެވެ. އެއީ ދުނިޔޭގައިވާ އެންމެ ބޮޑު ޖަޒީރާއެވެ. ޓްރަމްޕުގެ ސަރުކާރުން ވަނީ ގްރިންލެންޑް ވިއްކާތޯ 700 ބިލިޔަން ޑޮލަރުގެ އަގެއް ހުށައަޅައިގެން ޑެންމާކާ މަޝްވަރާތަކެއްވެސް ކޮށްފައެވެ. ޑެންމާކުން ބުންޏެވެ. ނޫނެކެވެ. ގްރީންލެންޑަކީ ވިއްކާ ތަނެއް ނޫނެވެ. އެމެރިކާގެ ކުރީގެ ރައީސެއް ކަމުގައިވާ ހެރީ ޓްރޫމަންވެސް 1946 ވަނަ އަހަރު 100 ބިލިޔަން ޑޮލަރު ހުށައެޅިއެވެ. އެފަހަރުވެސް ޑެންމާކުން ބުނީ ނޫނެކޭއެވެ. ކޮންމެއަކަސް ގްރީންލެންޑް ވިއްކަން ޑެންމާކް އެއްބަސްނުވީމާ މިހާރު ޓްރަމްޕުގެ ވިސްނުމަކީ ގަދަކަމުން ގްރީންލެންޑު ހިފުމެވެ. ނުވަތަ ގްރީންލެންޑުގެ ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށް އެއްލައްކަ ޑޮލަރު ދީފައި އެމީހުންގެ ވޯޓަކުން އެމެރިކާއާ އެއްކޮށްލުމެވެ.

ރައީސް ޓްރަމްޕު މިޒާތަކުން ގްރީންލެންޑާ ދިމާކުރެއްވީމާ ޔޫރަޕުގެ ގައުމުތަކުން ޑެންމާކާ އެއްކޮޅަށް އަރައިފިއެވެ. އިނގިރޭސިންނާއި ފަރަންސޭސިންނާއި ޖަރުމަނުން ބުނެފިއެވެ. ހޯހޯއެވެ. ތިޔަހެނެއް ނުހެދޭނެއެވެ. ގްރީންލެންޑަކީ ޑެންމާކުގެ ތަނެކެވެ. އަހަރެމެން ޑެންމާކު ރައްކާތެރި ކޮށްދޭނަމެވެ. މިބުނުން ރައީސް ޓްރަމްޕަކަށް ހަޖަމެއް ނުކުރެެއްވުނެވެ. އެހެންވެ ގްރީންލެންޑުގެ މައްސަލައިގައި ޑެންމާކާ އެއްކޮޅަށް ވާހަކަ ދައްކާ ވިލާތުގެ ކޮންމެ ގައުމަކާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވަން ނިންމަވައިފިއެވެ. އެގައުމުތަކުގެ މުދަލުން ނަގާ ޑިއުޓީ ތިރީސްފަސް ސައްތައަށް ބޮޑުކުރާން ނިންމަވައިފިއެވެ. ދެން ވިދާޅުވިއެވެ. ގްރީންލެންޑު އެމެރިކާޔާ ހަވާލު ކުރުމުގެ ވަގުތު އައީއެވެ. އެހެންނޫނީ ދުނިޔެއަކަށް ސަލާމަތެއް ނެތެވެ. ރައީސް ޓްރަމްޕުގެ ވިސްނުން މިހާވަރަށް ގްރީންލެންޑަށް އަމާޒުވީމާ ފާއިތުވި މާޒީގައި އެމެރިކާއިން އެމީހުންގެ ސަރަހައްދު ފުޅާކޮށް ބޮޑުކުރަމުން އައިގޮތުގެ މައްޗަށް ހިސާބަކަށް ބަލައިލުން މުހިންމެވެ.

ތާރީޚުގެ ތެރެއަށް ފީނައިލީމާ އެމެރިކާގެ ސަރަހައްދު ފުޅާވަމުން ބޮޑުވަމުން އައިގޮތް ފެންނާނެއެވެ. މިކަމުގައި އެމެރިކާއިން ބޭނުންކުރަނީ ދެ އުކުޅެކެވެ. އެއްއުކުޅަކީ ފައިސާދީފައި ބިންތައް ގަތުމެވެ. އަނެއް އުކުޅަކީ ބާރުގެ ބޭނުންކޮށްގެން ގަދަކަމުން ބިންތައް ފޭރިގަތުމެވެ. އެމެރިކާ އެކުލެވިގެންވަނީ ރަސްމީގޮތުން ފަންސާސް ސްޓޭޓްގެ މައްޗަށެވެ. އެމެރިކާގެ ދިދައިގައިވާ ފަންސާސް ތަރި ރަމްޒުކޮށްދެނީ މިދެންނެވި ފަންސާސް ސްޓޭޓެވެ. މީގެ ތެރެއިން ތިން ސްޓޭޓަކީ ފައިސާދީފައި ގެންފައިވާ ސްޓޭޓްތަކެވެ. ބިންތައް ގަތުމުގެ ކުޅިވަރު ފެށިފައިއޮތީ މީލާދީން 1803 ގައެވެ. އެންމެ ފުރަތަމަ ގަތް ތަނަކީ އެމެރިކާގެ މިހާރުގެ ސްޓޭޓެއް ކަމަށްވާ ލޫޒިއާނާއެވެ. އެއީ ކުރިން ފްރާންސްގެ ތަނެކެވެ. ލޫޒިއާނާ ގަތީ ފްރާންސަށް 15 މިލިޔަން ޑޮލަރު ދީފައެވެ. އެމެރިކާގެ މިހާރުގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާއަކީވެސް މިޒާތަކަށް ގަނެފައިވާ ތަނެކެވެ. ފްލޮރިޑާއަކީ ކުރިން ސްޕޭނުގެ ތަނެކެވެ. އެކިގޮތްގޮތުން ސްޕޭނަށް ބިރުދައްކައި ފިއްތުންތައް ކުރިމަތިކޮށްގެން ވިއްކަން މަޖުބޫރުކުރީއެވެ.

ސްޕޭނަށް 5 މިލިޔަން ޑޮލަރު ދީފައި ފްލޮރިޑާ ގަތީ މީލާދީން 1819 ގައެވެ. އެމެރިކާގެ އެންމެ ބިޔަ ސްޓޭޓަކީ އެލަސްކާ ކަމަށްވާއިރު އެއީ 1867 ގައި ރަޝިޔާއަށް 7.2 މިލިޔަން ޑޮލަރު ދީފައި ގަނެފައިވާ ސަރަހައްދެކެވެ. އެމެރިކާގެ ދެވަނައަށް އެންމެ ބިޔަ ސްޓޭޓަކީ ޓެކްސަސް ކަމަށްވާއިރު އެއީ މެކްސިކޯއަށް ބިރުދައްކައި މެކްސިކޯއިން ވަކިކުރުމަަށްފަހު ދުވަސްކޮޅަކުން އެމެރިކާއާ އެއްކޮށްލާފައިވާ ތަނެކެވެ. މިކަމެއް ހިންގީ މީލާދީން 1845 ގައެވެ. އޭގެ ތިން އަހަރު ފަހުން މެކްސިކޯއާ ދެކޮޅަށް ހަގުރާމަކޮށް މެކްސިކޯގެ އުތުރު ބިތުގެ ވަރަށް ބޮޑު ސަރަހައްދެއްވެސް އެމެރިކާއިން ހިފައި އެމެރިކާގެ ހުކޫމަތުގެ ތެރެއަށް ލާފައިވެއެވެ. އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ކެލިފޯނިއާ، ނެވާޑާ، އޫތާ، އެރިޒޯނާ، ނިއު މެކްސިކޯ، ކޮލަރާޑޯ، ވަޔޮމިންގް، އޮކްލަހޯމާ އަދި ކެންސަސްގެ ބޮޑު ސަރަހައްދުތަކަކީ މިގޮތުން މެކްސިކޯއިން ފޭރިގެންފައިވާ ސަރަހައްދުތަކެވެ.

މިހާރުގެ މެކްސިކޯއަކީ ކުރީގެ އޮރިޖިނަލް މެކްސިކޯގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައެވެ. އޭގެ މާނަޔަކީ އޮރިޖިނަލް މެކްސިކޯގެ ދެބައިކުޅަ އެއްބައި އެމެރިކާއިން ފޭރިގެންފައިވުމެވެ. މި ސަކަރާތެއް ޖެހުމަށްފަހު ތަންކޮޅެއް ފަހުން މީލާދީން 1853 ގައި މެކްސިކޯއަށް އިތުރު 10 މިލިޔަން ޑޮލަރު ދީފައި ވަރަށް ބިޔަ އެހެން ސަރަހައްދެއްވެސް ގަނެފައިވެއެވެ. އެއީ މިހާރު އެރިޒޯނާ ސްޓޭޓާއި ނިއު މެކްސިކޯ ސްޓޭޓްގެ ބައެކެވެ. އެ ދެ ސްޓޭޓްގެ އެންމެ ދެކުނުގެ އޭރިޔާއެވެ. އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ހަވާއީއަކީ އެމެރިކާއަށްވުރެވެސް ދޮށީ ތާރީޚެއް ލިބިގެންވާ ތަނެކެވެ. ކުރިން މިނިވަން ގައުމެކެވެ. ހަވާއީއަށް ބިރުދައްކައި އެތަނުގެ ރަސްކަން ވައްޓާލައި މީލާދީން 1898 ގައި އެމެރިކާއާ އެއްކޮށްލީއެވެ. ސްޓޭޓްތަކެެއްގެ ދަރަޖަ ލިބިފައިނުވާ އެމެރިކާގެ އެތަކެއް ޖަޒީރާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެއެވެ. އެއީވެސް އެކި ދުވަސްވަރު ގަދަބާރުން ފޭރިގެންފައިވާ ތަންތަނެވެ.

ކެރީބިއަންގައިވާ ޖަޒީރާއެއް ކަމަށްވާ ޕުއެޓޮރިކޯއާއި ދެކުނު ފެސިފިކްގައި އޮންނަ ގުއާމަކީ މިދެންނެވި މަގުން މީލާދީން 1898 ގައި ސްޕޭނުގެ ކިބައިން ފޭރިގެންފައިވާ ތަންތަނެވެ. ޕެސިފިކްގައިވާ މެރިއާނާ ޖަޒީރާތަކަކީ ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގައި ޖަޕާނުގެ ކިބައިން ފޭރިގެން އަމިއްލަ ކޮށްފައިވާ ތަންތަނެވެ. އެމެރިކަން ސެމޯއާއޭ ކިޔުނު ޖަޒީރާތަކަކީ 1899 ގައި އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއެކު އެއްބަސްވުމެއް ހަދައިގެން އަމިއްލަ ކުރި ތަންތަނެވެ. ކެރީބިއަންގެ އެހެން ޖަޒީރާތަކެއް ކަމަށްވާ ޔޫއެސް ވާރޖިން އައިލެންޑްސްއަކީ މީލާދީން 1917 ގައި ޑެންމާކަށް 25 މިލިޔަން ޑޮލަރު ދީފައި ގަނެފައިވާ ޖަޒީރާތަކެކެވެ. އެއީ ކުރިން ޑެނިޝް ވެސްޓް އިންޑީޒްއެވެ. ފައިސާކޮޅެއް ދީފައި އެންމެފަހުން ގަނެފައިވަނީ މިދެންނެވި ޖަޒީރާތަކެވެ. އެހެންވީމާ އޭގެ ސަތޭކައެއްހައި އަހަރު ފަހުން އަނެއްކާވެސް ޑެންމާކަށް ޑޮލަރުކޮޅެއް ދީފައި ގްރީންލެންޑްވެސް ވިއްކާށޭ ބުނުމަކީ އެމެރިކާއަށް މާ ލަދުވެތި ކަމަކަށެއް ނުވާނެއެވެ.