ރަމަޟާންމަހަށް ދަނޑުވެރިންގެ ތަކެތި ވިއްކަން މާލޭގައި ވަގުތީ މާރުކޭޓެއް ހުޅުވަން ނިންމައި އެ މާރުކޭޓުން ގޮޅިތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން އިއްޔެ ބުނީ ރަމަޟާން މަހަށް ހާއްސަކޮށްގެން ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށް ސަރުކާރުން ނިންމައި، މާލޭގައި ވަގުތީ މާރުކޭޓެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ކޮންމެ އަތޮޅުގެ ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް އެ މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެ މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީއަށް ފޯމު ފުރިހަމަކޮށް ހުށަހަޅާ އިރު، ވޭތުވެދިޔަ ރަމަޟާންމަހު އެ ރަށަކުން ބޭރުކުރި މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި މިއަހަރުގެ މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އެނގޭނޭ ގޮތަށް ހުށަހަޅަންޖެހެއެވެ.
މިމަހުގެ 29ގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އީމެއިލް އިން ފޯމު ހުށަހަޅަން ޖެހެއެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެގްރިކަލްޗާ މިނިސްޓްރީގެ ނަމްބަރު 3309390 / 3309394 އަށް ރަސްމީ ގަޑީގައި ގުޅުމަށް އެ މިނިސްޓްރީން އެދެއެވެ.
- މާރުކޭޓު ބޭނުންކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް:
- މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ އަންނަ މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން.
- މާރުކޭޓްގައި ވިއްކާތަކެތީގެ ސައްހަ ރިކޯޑު މިނިސްޓްރީއަށް ފޯރުކޮށްދޭންޖެހޭ.
- ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވާ (ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި އިމްޕޯޓްކޮށްފައިވާ ކާބޯތަކެތި ފަދަ) އިތުރު ތަކެތި ވިއްކުމަކީ މަނާކަމެއް.
- ގޮޅިތަކުގައި ތަކެތި ވިއްކަން ބިދޭސީން ބޭތިއްބުމަކީ މަނާކަމެއް.
- މާރުކޭޓުން ބޭރުގައި އަދި އެބަޔަކަށް ކަނޑައަޅާފައިވާ ގޮޅިތަކުން ބޭރުގައި ތަކެތި ވިއްކުމަކީ މަނާކަމެއް.
- ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ، ބަރަބޯ ފަދަ ހަރު ތޮށިގަނޑުލާފައިވާ ބާވަތްތައް ފިޔަވައި އެހެން އެއްވެސް ބާވަތެއް ތަޅުންގަނޑު މަތީގައި ބެހެއްޓުމަކީ މަނާކަމެއް.
- މޭވާއާއި ތަރުކާރީ ވިއްކަންވާނީ ތަޅުމުން ފެށިގެން އެންމެ ކުޑަވެގެން ދެ ފޫޓު އުސްކޮށް ހުންނަ ސާފުތާހިރު މޭޒެއް ފަދަ އެއްޗެއްގެ މަތީގައި ބަހައްޓައިގެން.
- މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އަށް (ނަމާދު ވަގުތުތައް ނުހިމަނައި).
- މާރުކޭޓު ބޭނުންކުރާ ފަރާތްތަކުން މާރުކޭޓުގެ އެތެރެއާއި މާރުކޭޓު ހިމެނޭ ސަރަހައްދަށް ކުނިއަޅާ ހަދައިގެންނުވާނެ. އަދި މާރުކޭޓުތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ.
- މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން، ކޮންމެ ދުވަހަކުވެސް ވިޔަފާރި ނިމުމުން އެފަރާތަކުން ބޭނުންކުރަމުންގެންދާ ގޮޅީގައި އުފެދިފައިވާ ކުނި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ޖަމާކުރަންޖެހޭ.
- 26 މާޗު 2026 ވަނަ ދުވަހުގެ 18:00ގެ ކުރިން ތަނުގައި ހުރި މުދާ ނެރެ ތަން ހުސްކުރަންޖެހޭ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
ހަބަރު ފުރިހަަމަވާނީ މާރުކޭޓް ހުންނަ ތަނެއް ކިޔާ މީހާއައް އިގޭނެ ވަރައްވކުޔުނުނުނަމަ.
ބޯހަރު މީހާ - 5 މަސް ކުރިން