މިފްކޯއިން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށައިފިއެވެ.

މިފްކޯގެ ސީނިއާ މެނޭޖަަރު، ޕީއާރް، ޝިފްޒާ މުސްތަފާ ވިދާޅުވީ، އިއްޔެއިން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައި ކަމަށާއި އެ ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. ގެ މަގުން ކަމަށެވެ.

ޝިފްޒާ ވިދާޅުވީ، ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓު ފަހަރަށް އެ ސައިޒުގެ ކަންނެލި އިއްޔެ ގަނެފައިވާ ކަމަށެވެ.

މީގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި 25ރ. ގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ގަންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފްޒާ ވިދާޅުވީ، މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.

މިފްކޯއިން ވަނީ ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެއުމަށްފަހު، މިމަހުގެ 10 އިން ފެށިގެން އެތަނުން ބޮޑު ކަންނެލި ގަންނަން ވެސް ފަށައިފައެވެ. މިފްކޯ އިން ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.