ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ސިޔާދަތީ މިލްކުވެރިކަން ލިބުން އެންމެ ހައްގު ގައުމަކީ، ދިވެހިރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޗާގޯސްގެ ސިޔާދަތީ ބާރު ވަނީ މޮރިޝަސްއަށް ދީފައެވެ. ނަމަވެސް، ޑިއޭގޯ ގާސިއާގައި ހުންނަ އިނގިރޭސި-އެމެރިކާ މިލިޓަރީ ބޭސް އަދިވެސް ބަލަހައްޓަނީ އެ ދެ ގައުމުންނެވެ.
ރައީސް މުއިއްޒު ވަނީ، އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސް ދިނުމަށް ވުރެ ރާއްޖެއާ އެތަން ހަވާލުކުރުން މާ އައުލާކަން ބޮޑު ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ސިޓީފުޅެއް ފޮނުއްވިކަން 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވައިފައެވެ.
އެކަމަށް އިޝާރާތްކުރައްވައި އިނގިރޭސިވިލާތުގެ ޓެބްލޮއިޑެއް ކަމަށްވާ އެކްސްޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޗާގޯސް މައްސަލައިގައި ރާއްޖެއިން ދެކޭ ގޮތް ރަސްމީކޮށް އިނގިރޭސިވިލާތުގެ ސަަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި ޗާގޯސް އަކީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުންތަކެއް އޮތް ތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހި، އެއީ ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން ގައުމުތަކަށްވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒު ޗާގޯސްގެ މައްސަލައިގައި ވާހަކަފުޅުދައްކަވާފައިވާ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލުމަކީ އިނގިރޭސިވިލާތުން ކުރި ބޮޑު މޮޔަކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ޗާގޯސް ރަށްތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2،100 ކިލޯމީޓަރު (1،300 މޭލު) ދުރުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސް އޮންނަނީ އިންޑިއާ ކަނޑުގެ މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގައެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފައެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާ އިރު، އޭގައި ބުނެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސްއަށް ދޫކޮށްލުމަށްފަހު، ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ކުލީގެ ގޮތުގައި އަހަރަކު 101 މިލިއަން ޕައުންޑް، 99 އަހަރު ވަންދެން ދައްކަން ޖެހޭނެއެވެ.
އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސްވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސްއަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީއެވެ.
މޮރިޝަސް އިން ރާއްޖެއާއި ޗާގޯސް ކަނޑުގެ ފުށޫ އަރާ ސަރަހައްދާ މެދު ގޮތެއް ނިންމައިދޭން ނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް ހުށަހެޅިއެވެ. އެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ އިގުތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު