ދައުލަތުގެ މިދިޔަ އަހަރުގެ އޯވަރޯލް ޑެފިސިޓް 2024 ވަނަ އަހަރާ އަޅައިބަލާއިރު 73.5 ޕަސެންޓް ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސްގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ހަރަދުތައް ކުޑަވުމާ ގުޅިގެން ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފައިވާ ކަމަށެވެ.

ޑިސެމްބަރު 2025 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 39.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ ރިޕޯޓުގައިވަނީ ބުނެފަ އެވެ.

2025 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީއަކީ 39.8 ބިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިއަން ރުފިޔާއެވެ.

07 ޖުލައި 2022، ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް އާންމު ލައުންޖުގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން ---- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން:

  • ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ ބަޖެޓުގެ އަންދާޒާތަކަށްވުރެ 5.5 އިންސައްތަ ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރަށް ލިބިފައިވޭ
  • ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 26.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތަ އިތުރު އަދަދެއް
  • ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީޖީއެސްޓީގެ ގޮތުގައި 11.0 ބިލިއަން ރުފިޔާ ލިބިފައިވޭ.
  • މިއީ ކުރީ އަހަރު ލިބުނު 9.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެއް ކަމަށް
  • ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ކުރީ އަހަރުގެ 8.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %24.0 ގެ ކުރިއެރުމެއް އަދި ފާސްކުރި މިންވަރަށްވުރެ 2.0 ބިލިއަން ރުފިޔާގެ އިތުރުވުމެއް ކަަމަށް

އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދައުލަތުގެ ރިކަރަންޓް ހަރަދު ކޮންޓްރޯލް ކުރެވި، ޖުމްލަ ހަރަދުތައް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން:

  • ޑިސެމްބަރު 2025 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 43.1 ބިލިއަން ރުފިޔާގައި. މިއީ 2024 ވަނަ އަހަރުގެ 48.2 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 10.6 އިންސައްތައިގެ ދަށްވުމެއް
  • ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުން ފަދަ ސިޔާސަތުތައް 2025 ވަނަ އަހަރު ތަންފީޒުކުރުން ފަދަ ކަންކަމުގެ ސަބަބުން ރިކަރަންޓް ހަރަދުތައް އިތުރުވެ، 36.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި. މިއީ ކުރީގެ 34.9 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 4.1 އިންސައްތައިގެ އިތުރުވުމެއް
  • މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މުސާރައަށް އައިސްފައިވާ ބަދަލާއެކު މުވައްޒަފުންނަށް ކުރާ ހަރަދުތައް އިތުރުވެފައިވުން ކަމަށް

އެ ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 6.8 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރުގެ 13.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 48.8 އިންސައްތައިގެ ދަށްވުމެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާގެ ތެރޭގައި ކެޕިޓަލް ހަރަދުތައް އިތުރުވެފައިވަނީ މަގުތަކާއި، ބުރިޖު އަދި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވުމުގެ ސަބަބުންނެވެ.

6 ޖެނުއަރީ 2022: މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ޕްރައިމަރީ ބެލެންސް ސާޕްލަސްގައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ކަމަށާއި 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައި ކަމަށެވެ.

އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސް (ދަރަނީގެ އިންޓްރެސްޓް ހަރަދު ނުހިމަނައި، އާމްދަނީއާއި ހަރަދުގެ ފަރަގު) ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2024 ވަނަ އަހަރު 8.4 ބިލިއަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ކަމަށެވެ. މިއީ ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސާޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

އޭގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރެވިފައިވާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް 2025 ވަނަ އަހަރު ޖަމާކުރި މިންވަރު ވަނީ 2.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ 2024 ވަނަ އަހަރު ޖަމާކުރި 1.4 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 91.2 އިންސައްތައިގެ އިތުރުވުމެކެވެ.

ޑިސެމްބަރު 2025 ގެ ނިޔަލަށް ލިބެންހުރި މައުލޫމާތަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސްތަކުން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ސަރުކާރުގެ އަންދާޒާތަކާ އެއްގޮތަށް 2025 ވަނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު ބޭރު ފައިސާގެ އާމްދަނީ ވަނީ 1.2 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.