ހަންގަނޑު ރީތިކުރާ ބޭސް ކަމަށްބުނެ، ބޭސް ވިއްކާ އޮންލައިން ޕޭޖުތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނުގައި ބުނީ ރާއްޖޭގައި ވިޔަފާރީގެ ގޮތުގައި ބޭސް އިމްޕޯޓުކޮށް ވިއްކޭނީ ބޭހާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އިމްޕޯޓުކުރާ އަދި ވިއްކާ ފަރާތެެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެން ކަމަށެވެ.
އިމްޕޯޓު ކުރާ ހުރިހާ ބޭހަކީ ވެސް ބޭހާ ބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް އެ އޮތޯރިޓީގެ ހުއްދަ ދީފައިވާ ބޭހުގެ ލިސްޓް (އެޕްރޫވަލް ޑްރަގް ލިސްޓް) ގައި ހިމެނިފައިވާ ބޭހަށް ވާންޖެހޭ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ނަމަވެސް މިހާރަކަށް އައިސް، ނަގަންޖެހޭ ހުއްދަތަށް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް، އެތެރެކޮށް ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުންގެންދާކަން އެމްއެންއެފްޑީއޭއަށް ފާހަގަވެފައިވާ ކަމަށެވެ.
އެ ބޭސްތަކުގެ ތެރޭގައި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ، ސެމެގްލުޓައިޑް އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އެޒެލެއިކް އެސިޑް އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއްކަމަށް ބުނެ، އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް، ވިއްކަމުންގެންދާކަންވެސް އެ އޮތީރިޓީއަށް ފާހަގަވެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ އެފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތުގައި އެކަމެއްގެ ހާއްސަ ޑޮކްޓަރު ލިޔުންދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭހެއް ކަމަށާއި އަދި ފާމަސީތަކުންވެސް އެފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރު ލިޔެދީފައިވާ ބޭސް ސިޓީއަށް ކަމަށެވެ. ޑޮކްޓަރުގެ ލަފަޔާއި ރުޝާދާނުލައި އެފަދަ ބޭސް ބޭނުން ކުރުމުން ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާލަތެއް މެދުވެރިވެދާނެކަން އެމްއެފްޑީއޭ އިން ފާހަގަކުރިއެވެ.
އެހެންކަމުން، އެމްއެންއެފްޑީއޭ އިން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އިމްޕޯޓުކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާ މެދު ބޭހާއި ބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އަޅަމުންގެންދާނެކަ މަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ