ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ބޭނުންވާ ފައިސާގެ ތެރެއިން 75 ޕަސެންޓަށްވުރެ ގިނަ ކުދިންނަށް މުއްދަތަށް ފައިސާ ދޫކުރެވޭ ކަމަށާއި، ބައެއް ކުދިންނަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވަނީ އެ ކުދިންގެ ފަރާތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަރާބަރަށް ނުލިބޭތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރިއަށްގެންދަވާ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ނުލިބިގެން ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 75 އިންސައްތައަށްވުރެ ގިނަ ކުދިންނަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
ނަމަވެސް ބައެއް ކުދިންނަށް ފައިސާ ދޫކުރުން ހަފްތާތަކަކަށް ދިގުލައިގެންދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ފައިސާ ދޫކުރުމުގެ ކުރިން މިހާރު އޮންނަ އުސޫލުގެ ތެރެއިން ދެ ކަމެއް ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، އެ ދަރިވަރަކީ އެ އިންސްޓިޓިއުޓެއްގައި ކިޔަވަމުންދާ ކުއްޖެއްތޯ ބެލުމާއި، ދަރިވަރު ހުށަހަޅާފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ބެލުން ކަމަށެވެ.
އެ ދެ ކަންތަކުގެ ތެރެއިން ކަމަކަށް ބުރޫއަރައިފިނަމަ ފައިސާ ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި އެ ދެ ކަންތަކުގައި މައްސަލައެއް ދިމާވެއްޖެ ނަމަ، ފައިސާ ދޫކުރުމަށް ދަތިތަކެއް ދިމާވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ލޯނު ނުވަތަ އެހެނިހެން ޕްރޮގްރާމްތަކުގެ ދަށުން ފައިސާ ދޫކުރުމުގެ މަސައްކަތް، ފައިސާ ދޭންޖެހޭ މުއްދަތުގެ ދެ މަސް ކުރިން މިނިސްޓްރީން ފަށާ ކަމަށެވެ.
ކޮންމެ ފަހަރަކުވެސް ފައިސާ ދައްކަންޖެހޭ އެކައުންޓް ނަންބަރާއި، އައިބީއޭއެން އަދި ސްވިފްޓް ކޯޑު ފަދަ ބޭންކުގެ ތަފްސީލީ މައުލޫމާތު ދަރިވަރުން ހުށަހަޅަންޖެހެއެވެ.
އެ މައުލޫމާތުތަކުގެ ތެރެއިން އެއްވެސް ކަމެއްގައި މައްސަލައެއް އުޅޭނަމަ، ފިނޭންސް މިނިސްޓްރީން އެ ފައިސާ އަނބުރާ ފޮނުވާލާ ކަމަށާއި، އެފަދަ ހާލަތްތަކުގައި ޑިޕާޓްމަންޓުންނާއި ފައިނޭންޝަލް އެގްޒެކެޓިވް އެކަންކަން އަލުން ޗެކްކުރަން ޖެހުމަކީ ފައިސާ ލިބުން ލަސްވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު