ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އަދި އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އެޑްވާޑް ލިން އެވެ.

ބީއެމްއެލުން ބުނީ އެ އެއްބަސްވުމުގެ ދަށުން ޗާޓާޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ހުޅުވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ އޮފިޝަލް ވިދާޅުވީ އޭއައިސީބީއާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކުރުމަށް މި އެއްބަސްވުމާއެކު މުހިންމު މަސައްކަތްތަކެއް ފެށޭނެ ކަމަށެވެ.

"މިގޮތުން ޗާޓާޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް." އޮފިޝަލް ވިދާޅުވިއެވެ.

ބޭންކިން ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކަޑަމީން އަންނަނީ އެ ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓާންޝިޕް ފުރުސަތު ދެމުންނެވެ.