ހުމާއި، އަރިދަފުސް ރޯގާ ހުންނަ މީހުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ފްލޫ ކުލިނިކެއް ހުޅުވައިފިއެވެ.

އައިޖީއެމްއެޗްއިން މިއަދު ބުނީ ހުމާއި، އަރިދަފުސް ރޯގާ ހުންނަ މީހުން އެންމެ ފުރަތަމަ ދާންޖެހޭނީ ޓްރައޭޖަށް ކަމަށެވެ. އެއަށްފަހު ފްލޫ ކްލިނިކަށް ދާންޖެހޭ ނަމަ، ޓްރައޭޖުން އެ އިރުޝާދު އެ މީހަކަށް ދޭނެކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ފްލޫ ކްލިނިކުގެ ހިދުމަތް ލިބެން ހުންނާނީ ކޮންސަލްޓޭޝަން ނަންބަރު 10 ވަނަ ރޫމުން ކަމަށާއި، އެ ރޫމުން ޑޮކްޓަރަށް ދެއްކުމާއި، ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ލިބެން ހުންނާނެކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ސްކޫލް ބޮޑު ބަންދާ ދިމާކޮށް އުމްރާގެ އަޅުކަމަށް ދިޔަ މީހުން، މި ދުވަސްވަރު ރާއްޖެ އައުމާ ގުޅިގެން ހުމާއި، ރޯގާ ފެތުރުންވަނީ ގިނަވެފައިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުން ދައްކައެވެ.