ފެން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މާލޭގައި 13،000 ޓަނުގެ ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ މާލޭގައި ފެން ރައްކާކުރާނެ ގާބިލުކަން އިތުރުކުރުމަށް 13000 ޓަނުގެ ފެން ރައްކާކުރެވޭ ދެ ތާންގީ ބެހެއްޓުމަށް ބޭނުންވާ ސާމާނު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

އެ މަސައްކަތް ސައިޓުގައި މިމަހު ފެށިގެންދާނެ ކަމަށާއި ނަމަވެސް ބިމުގެ ދަތިކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭންކު ފައިނޭންސެއްގެ ތެރެއިން މި މަސައްކަތް މިކުރަނީ، ލޯންގްޓާމް އިންވެސްޓްމަންޓެއް. އެހެންވީމަ 13،000 ޓަނުގެ ދެ ތާންގި އެއީ. އެ ދެ ތާންގިއަށް ބޭނުންވާ ފައުސްޑޭޝަންގެ މަސައްކަތް ކުރިއަށްގެންދަނީ. މިހާރު އެކަމަށް ބޭނުންވާ މެޝިނަރީ އަތުވެއްްޖެ. ޕައިކްތޯޕައިލްސް މި ބޭނުންކުރަނީ. މައިކްރޯޕައިލްސް އެރައިވްވާނެ މި މަސްތެރޭގައި،" މަތީން ވިދާޅުވިއެވެ.

17 އޮގަސްޓް 2025، ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީއެއްގެ އަމަލީ މަސައްކަތް ނިންމައި، ތާންގީ ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މަތީން ވިދާޅުވީ ތާންގީ ބެހެއްޓުމަށް ލިބުނު ބިމަކީ ކުރީގެ ކުނިގޮނޑު ހުރި ސަރަހައްދު ކަމަށްވުމުން އެެތަނުގެ ވެލިގަނޑުގައި އާދައިގެ ވެލީގައި ހުންނަ ސަބްސްޓަންސް ނުހުރުމުން އެ ސަރަހައްްދުގައި މަސައްކަތްކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.

"ތިންވަނަ ފަހަރަށް މި ޑިޒައިން ބަދަލުކުރީ، މީގަ ސެކިއުރިޓީ އަދި ސޭޕްޓީވެސް އިންނަންޖެހޭނެ. ބޮޑު އަބާދީއެއް ދިރިއުޅޭ ސަރަހައްދެއްގައި އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގައި ގުޅިފައިވާ ސެންސިޓިވް އޭގައި ހުންނަންޖެހޭނެ ބެއަރިން ކެޕޭސިޓީވެސް. މިހާރު ސިވިލް އިންޖިނިއަރުން ވަރަށް ބޮޑަށް މައިކްރޯޕައިލްސް ބޭނުންކޮށްގެން ފައުންޑޭޝަން އެޅުމަށް ވަނީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތަށް ތަކެތި ގެންނަނީ މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އޮތް ގައުމަކުން ކަމަށާއި ކޮލިޓީއަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ. މިއީ މާލޭގެ ފެން ރައްކާކުރުމުގެ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަތީން ވިދާޅުވިއެވެ.

"ޔޫއެސް މެނުފެކްޗާޑް އެއްޗެހި މި ގެންނަނީ، މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ބޮޑުވޭ، ހިދުމަތަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވެގެންދޭ، 13،000 ޓަނުގެ 2 ތާނގިއާއެކު 26،000 ޓަނުގެ ފެން ރައްކާކުރުމުގެ ގާބިލްކަން ލިބިގެންދާނެ" މަތީން ވިދާޅުވިއެވެ.

އެ މަސައްކަތް ނިންމުމަށް ފައިނޭންސްގެ ހުއްދަ ލިބިގެން ރާއްޖޭގެ ބޭންކެއް މެދުވެރިކޮށް މަސައްކަތް ކުރަމުންގެންދާ ކަމަށް މަތީން ފާހަގަކުރެއްވިއެވެ.

މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީއެއްގެ އަމަލީ މަސައްކަތް ނިންމައި، މިދިޔަ އަހަރުގެ އޮގަސްޓް 17 ގައި ވަނީ ތާންގީ ބޭނުންކުރަން ފަށައިފައެވެ.