މާލެ ރަސްފަންނު މޫދުން ތޫނު އިތާތަކެއް ފެނިއްޖެއެވެ.
ގިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތޫނު އިތާތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަމަށް ސަމާލުވާން އިލްތިމާސްކުރައްވައިފައެވެ.
އެ އިތާތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވަމުން، އެ ސަރަހައްދުން ނަގާފައިވާ އިތާތަކުގެ ފޮޓޯތައް ވެސް މުސްތަފާ ވަނީ ހިއްސާކުރައްވައިފައެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ "ޕެން ކްލޭމް" އެވެ. އެ އިތާގައި ހުންނަ މަސްނަގައިގެން ކާން މީހުން ބޭނުންކުރެއެވެ. ނަމަވެސް އެއީ ކުދިތަކެއްްޗަށް ވުމުން މާ ގިނަ މަހެއް ނުހުރެއެވެ.
މުސްތަފާ ވިދާޅުވީ އިތާތައް ހުރީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށާއި އެއީ ވަރަށް ތޫނުކޮށް ހުންނަ އެއްޗަކަށް ވާތީ، މޫދުގެ ވެލިގަނޑުމަތިން ހިނގާ އިރު، އެއަށް އެރި ފައި ކަނޑައިގެން ހިނގައިދާނެ ކަމަށެވެ. އެހެންވެ އެ ސަރަހައްދު މޫދުކައިރީ ހުސްފަޔާ ހިނގައި އުޅޭއިރު ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.
އެންމެ ގިނައިން އިތާތައް އޮތް ސަރަހައްދު މެޕެއްގައި ފާހަގަކޮށްދެއްވަމުން މުސްތަފާ ހިއްސާކުރެއްވި ފޮޓޯއިން ފެންނަނީ އެ ސަރަހައްދުގެ މޫދުގައި ހަދާފައި ހުރި ރެސްޓޯރަންޓުގެ ފަހަތެވެ.
"މި ކްލޭމްތައް ވެލިގަނޑުގައި ވަޅުލާފައި ހުންނަނީ ކުޑަ ބައިކޮޅެއް ބޭރުކޮށްލައިގެން. ސްނޯކްލިންއަށް ފަހު އަހަރެން މެޕްގައި މި ކްލޭމްތައް ކޮންސެންޓްރޭޓް ކުރާ ސަރަހައްދު ފާހަގަކުރީ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ގިނަ ފަހަރަށް މީހުން މި ސަރަހައްދުން ހިނގާފައި ދާއިރު، ހާއްސަކޮށް ހުސް ފައިގައި ހުންނަ ނަމަ އެކަމަށް ސަމާލުވާން ޖެހޭ،" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ އޭނާވެސް ބައެއް އެއްޗެހި އެއްކޮށްފައިވާނެ ކަމަށާއި އިތުރު މީހުން އެ ތަކެތި ނަގާ ބޭނުންކުރާނަމަ އެއީ އެތަނުން ހުސްކުރެވޭނެ ތަކެތި ކަމަށެވެ.
ފާތިމަތު ލިއުޝާ
ރަސްފަންނު
ރަސްފަންނު
ރަސްފަންނު