ކޯޓުތަކުގައި ހުރި ގިނަ ދުވަސްވީ މައްސަލަތަކަށް ހައްލެއް ނުލިބޭނަމަ ރައްޔިތުންގެ ކަންބޮޑުވުންތައް އޮންނާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސްނީ މުބާރަކް ވިދާޅުވިއެވެ.
ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސްނީ ވިދާޅުވީ، ކޯޓުތަކުން ނިމޭ މައްސަލަތަކުގެ އަދަދު މިހާރު އިތުރުވަމުން ދިޔަ ނަމަވެސް، ގިނަ ދުވަސްވީ މައްސަލަތަކަށް ހައްލެއް ނުލިބޭނަމަ ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެ ކަމަށެވެ.
އެހެންކަމުން، އާ ސިސްޓަމްގެ އެހީގައި މައްސަލަތައް އަވަހަށް ނިންމަން މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ސިވިލް ކޯޓަކީ އެންމެ ގިނަ މަސައްކަތްތަކެއް ކުރާ އެއް ކޯޓުކަން ފާހަގަކުރައްވައި ހުސްނީ ވިދާޅުވީ، ކޯޓުތަކުގެ މަސައްކަތްތަކާ މެދު ރައްޔިތުން ސުވާލު އުފައްދާ ކަންތައްތަކެއް ހުރި ނަމަވެސް، ރައްޔިތުން ބަލައިގަންނަ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ހާއްސަކޮށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުސްނީ ވިދާޅުވީ ފަނޑިޔާރުންނަކީ އެ ބޭފުޅުން ކުރާ މަސައްކަތްތަކުގެ ވާހަކަ އެކި ޕްލެޓްފޯމްތަކުގައި ދެއްކޭނެ ބައެއް ނޫން ކަމަށާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީވެސް އެގޮތަށް އެކަންކަން ކުރެވޭނެ ބައެއް ނޫން ކަމަށެވެ. އަދި ތަފާސްހިސާބުތަކާއި ރިޕޯޓުތައް ޝާއިއު ކުރެވުނު ނަމަވެސް، ދިގުލައިގެންގޮސްފައިވާ މައްސަލަތަކުގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތްތަކަށް އަދި އެމީހުންނަށް އޮންނަ އިތުބާރު ކުޑަވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޖޭއެސްސީން ފަނޑިޔާރުންގެ ދިފާއުގައި ވާހަކަދައްކަން ބޭނުންވާ ކަމަށާއި ފަނޑިޔާރުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތައް ބަލާއިރު ޖޭއެސްސީއަކީ ހަމައެކިނި ފަނޑިޔާރުންގެ މައްސަލަތައް ބަލައި ތަހުގީގުކުރާ ތަނެއް ނޫން. މިދެންނެވި ގޮތަށް ފަނޑިޔަރުންގެ ދިފާއުގައި ދައްކަންޖެހޭ ވާހަކަތައް ދައްކާ އެކަމަށް މަސައްކަތް ކުރާނެ،" ހުސްނީ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި