ޑެންގޫ ޖެހިގެން ރިޕޯޓު ކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ތަފާސްތިހާބުތަކުން ދައްކާގޮތުން ނޮވެމްބަރު މަހުގައި 382 މީހުން ޑެންގޫ ހުން ހުންޖެހިގެން ރިޕޯޓު ކުރިއެވެ.

އެ އަދަދު ވަނީ ޑިސެމްބަރު މަހު އިތުރުވެފައެވެ. ޑިސެމްބަރުގައި ޑެންގޫހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދުވަނީ 413 އަށް އަރައިފައެވެ.

"އެހެންކަމުން ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް،" ކަމަށް އެޗްޕީއޭއިން ބުންޏެވެ.

30 ޑިސެމްބަރު 2023: މާލެގައި ކުރިއަށްގެންދިޔަ "މަދިރިން ރައްކާ" ހަރަކާތް --- ފޮޓޯ/ ހެލްތް މިނިސްޓްރީ

ޑެންގޫ ހުމުން ރައްކާވެތިބުމަށް ކުރެވިދާނެ ކަންކަން:

  • ފަތިސް އަދި ހަވީރު ގަޑީގައި ގޭގެ ދޮރުތަކާއި ކުޑަދޮތުރައް ލައްޕާފައި ބެހެއްޓުން.
  • ހުސްފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރޭއާއި މަގުތައްމަތީ ފެން ހަރުލާގޮތަށް އުކާލާފައި ނުބެހެއްޓުން

ޑެންގޫ ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ:

  • އަރާމު ކުރުން.
  • ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން.
  • ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެން، ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ހިމެނެއެވެ.
  • ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެއެވެ.
  • ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމު.

އޭގެ އިތުރުން އަރިދަފުސްރޯގާ ޖެހިގެން ނޮވެމްބަރު މަހު 32859 ބަލި މީހުން ރިޕޯޓު ކުރި، ޑިސެމްބަރު މަހު ރޯގާޖެހިގެން ދެއްކި އަދަދު ވަނީ ދަށްވެފައެވެ. ޑިސެމްބަރު މަހު ރޯގާޖެހިގެން ރިޕޯޓުކުރީ 28619 ފަރާތެކެވެ.