ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޒޯއީ ސަލްޑާނާ، އޭނާގެ ފިލްމީ ކެރިއަރުގައި ޖުމްލަ 16.8 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އާމްދަނީ ހޯދައި، ދުނިޔޭގެ ތާރީހުގައިވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެކްޓަރުގެ ލަގަބު ރަސްމީކޮށް ހޯދައިފިއެވެ. ޒޯއީ މި ޝަރަފު ހޯދީ މާވެލް ސިނަމެޓިކް ޔުނިވާސްގައި އޭނާއާއެކު މަސައްކަތްކުރި ސްކާލެޓް ޖޯހަންސަން ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

މި ތާރީހީ ކާމިޔާބީ ޒޯއީއަށް ލިބުނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ޖޭމްސް ކެމަރަންގެ "އެވެޓާ: ފަޔަރ އެންޑް އޭޝް" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެންނެވެ. މި ފިލްމާއެކު އޭނާގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 16.8 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފައެވެ. ޒޯއީ އަކީ މިހާރު ހޮލީވުޑްގައި އެންމެ އިތުބާރު ހުރި އަދި އެންމެ އަގުބޮޑު ތަރިއެވެ. އޭނާގެ މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ މަޝްހޫރު ތިން ފްރެންޗައިޒް ކަމަށްވާ "އެވެޓާ"، "ގާޑިއަންސް އޮފް ދަ ގެލެކްސީ" އަދި "ސްޓާ ޓްރެކް" އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ޒޯއީގެ ކެރިއަރުގައި އޭނާ ވަނީ 2 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ހޯދި ހަތަރު ފިލްމެއްގައި މުހިންމު ރޯލުތައް އަދާކޮށްފައެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް އެކްޓަރަކަށް މިހާތަނަށް ހާސިލުކުރެވިފައިވާ ކަމެއް ނޫނެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމު "އެވެޓާ"، ދެވަނައަށް އެންމެ ބޮޑު އާމްދަނީ ހޯދި "އެވެންޖާސް: އެންޑްގޭމް" އަދި ތިންވަނައަށް އެންމެ ބޮޑު އާމްދަނީ ހޯދި "އެވެޓާ: ދަ ވޭ އޮފް ވޯޓަރ" ހިމެނެއެވެ.

މީގެ ކުރިން މި ރެކޯޑް އޮތީ 16.4 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ސްކާލެޓް އަތުގައެވެ. މިދިޔަ އަހަރު ރިލީޒްކުރި "ޖުރަސިކް ވޯލްޑް ރީބާތު" އާއެކު ސްކާލެޓް ވަގުތީގޮތުން އެއްވަނަ ހޯދި ނަމަވެސް، "އެވެޓާ" ގެ ތިންވަނަ ބައިން ލިބުނު ބޮޑު އާމްދަނީއާއެކު ޒޯއީ ވަނީ އަލުން ކުރި ހޯދާފައެވެ. މި ލިސްޓުގެ ގަދަ ފަހެއްގައި ދެން ހިމެނެނީ ސެމިއުލް އެލް. ޖެކްސަން، ރޮބަޓް ޑައުނީ ޖޫނިއާ އަދި ކްރިސް ޕްރެޓް އެވެ.

ޒޯއީ އުފަންވީ 19 ޖޫން 1978 ގައި އެމެރިކާގެ ނިއު ޖާޒީއަށެވެ. އޭނާގެ ބައްޕައަކީ ޑޮމިނިކަން ރިޕަބްލިކް މީހަކެވެ. މަންމައަކީ ޕުއެރްޓޯ ރިކޯ މީހެކެވެ. ނިއުޔޯކް ސިޓީގައި ބޮޑުވި ސަލްޑާނާ، ކުރިއަށް އޮތް 2029 ވަނަ އަހަރު ރިލީޒްކުރާ "އެވެޓާ 4" އިންވެސް ނޭޓިރީގެ ރޯލުން ފެނިގެންދާނެއެވެ. "އެވެޓާ: ފަޔަރ އެންޑް އޭޝް" މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި އަންނަނީ ދައްކަމުންނެވެ.