މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީ (އެސްއޯއީ) ކޮމެޓީން ބަލައިދިނުމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު އެދިވަޑައިގެންފިއެވެ.

އެ މައްސަލަ އެ ކޮމެޓީން ބަލައިދިނުމަށް އެދި ޝާކިރު އިއްޔެ ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފައެވެ.

އެ ސިޓީގައި ވިދާޅުވެފައިވަނީ ނޫސް މަޖައްލާތަކުގައާއި މީސް މީޑިއާގައި އިތުބާރު ހިފޭފަދަ ލިޔެކިޔުންތަކެއްގެ މައްޗަށް ބިނާކޮށް މޯލްޑިވް ގޭސް އިން އޮކްޓޯބަރު 2024 ގައި އޯޑަރު ކޮށްފައިވާ 800.000 ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246 ޑޮލަރާ ގުޅޭ މައްސަލައަކީ، ސަރުކާރުގެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމުން، އެކަމުގެ މައުލޫމާތު ހޯދުމުގެ އިތުރުން އޭގެ ފުރިހަމަ ތަހުގީގެއް މަޖިލީހުގެ އެސްއޯއީ ކޮމެޓީ މެދުވެރިކޮށް ހިންގައިދިނުމަށް އެދޭ ކަމަށެވެ.

އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަބްދުﷲ މުހައްމަދު މީސްމީޑިއާގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އަށް ބިރުދެއްކުން ދޭހަވާފާފަދަ ގޮތަކަށް ޕޯސްޓެއް ކުރައްވާފައިވާތީ، އެކަންވެސް ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީއިން ބަލައިދިނުމަށް އެދޭ ކަމަށެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް އޭރު ބުނި ނަމަވެސް އެއިން އެއްވެސް ތަނަކުން އެ މައްސަލަޔާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.