ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ހަރަކާތުގައި މަޝްހޫރު ޑީޖޭ މީކާގެ ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް ދިރާގުން ބުނެފިއެވެ.
އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން ބުނީ އެ ހަރަކާތުގައި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޒުވާން ފަންނާނެއް ކަމަށްވާ ޑީޖޭ މީކާގެ ފޯރިގަދަ ހުށަހެޅުމަކުންނެވެ.
ދިރާގުން ބުނީ ޑީޖޭ މީކާއަކީ އުމުރުން އެންމެ 17 އަހަރުގެ މީކާ އަކީ އޭނާގެ ހުނަރުވެރި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަގުބޫލު ކަމެއް ހޯދަމުން އަންނަ ފަންނާނެއް ކަމަށެވެ. އެގޮތުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 އާ ގުޅުވައިގެން ބޭއްވި "ދިރާގު އެކްސް އައިސިކް" ޝޯގައި ވެސް ޑީޖޭ މީކާ ވަނީ އޭނާގެ މިއުޒިކީ ހުނަރާއި ފޯރިގަދަ ހުށަހެޅުންތައް ދައްކާލައި، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ކަމަށެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު އަންނަ މާޗު 31 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓް އިން ލިބޭނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައި ވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑް ބޯޓެވެ. މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ.
ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި، މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓާކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމްތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.
މިގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއް ނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އާއިޝަތު މާހާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު