ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު ނައީމް ހުސެއިން ނިޔާވެއްޖެއެވެ.

ނައީމް ނިޔާވުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސޯޝަލް ވަނީ މީޑިއާގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ.

އެމްއޭސީއެލުން ބުނީ ނައީމްގެ ވަކިވެ ދިޔުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ.

"ނައީމްގެ ހަނދާން އަބަދުވެސް އެސިނާއަތުން ކުރާނީ ޝުކުރުވެރިކަމާ އެކުގައި،" ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ރަސްމީކޮށް ހުޅުވުމަށް އެންމެ ފުރަތަމަ ތަމްރީންކޮށް، ހިދުމަތަށް ނުކުތް މީހުންގެ ތެރޭގައި ނައީމް ހިމެނެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ މަގާމު ފުރި، ނައީމް ސަރުކާރަށް މުހިންމު ހިދުމަތްތަކެއް ކޮށްދީފައިވާ އިރު، ރާއްޖޭގެ އެވިއޭޝަން ސިނާއަތް ކުރިއެރުވުމުގައިވެސް އޭނާ ވަނީ މުޙިންމު މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.

ނައީމް ނިޔާވިއިރު އުމުރަކީ 74 އަހަރެވެ.