މާލެ ސަރަހައްދުގެ ވައި ސާފުވަމުންދާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މީޓްރޮލޮޖިސްޓު ހަދީޖާ ނުސްރާ މިއަދު "ވަން" އަށް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ވެސް ވައިގެ ނުސާފުވުކަން އިތުރަށް ގޯސް ނުވާނެ ކަމަށެވެ.

"ވައި ނުސާފުވުން ކުރިއަށް ވުރެ ރަނގަޅު. ކުރިޔަށް އޮތް ތިން ދުވަހުވެސް ވައިނުސާފުވުން ވީހާ ގޯހެއް ނުވާނެ،" ނުސްރާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވެފައި ވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިދިޔަ މަހު އޮރެންޖު އެލާޓު ވެސް ނެރެފައެވެ.

މާލޭ ސަރަހައްދުގެ ވައި ނުސާފުވެ އެންމެ ނުރައްކާ މިންވަރަށް އަރާފައިވާ ކަމަށް އެއާ ކޮލެޓީ އިންޑެކްސް (އޭކިއުއައި) އިން ބުނީ 2025 ޑިސެމްބަރު 25 ގައެވެ. ސެންޓަ ފޯ މެރިޓައިމް ސްޑަޓީޒްގައި ގާއިމުކޮށްފައިވާ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދެއްކިގޮތުން މި ސަރަހައްދު އޭރު ރަތް އެލާޓަށް އެރިއެެވެ.

އެއީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވުމެވެ. މާލޭ ސަރަހައްދުގެ ވައިގެ ކޮލެޓީ އެވަގުތު ހުރީ 175 ގައެވެ.