ސްކޮޓް މެކްޓޮމިނޭ ޖެހި ދެގޯލާއެކު ނަޕޯލީން އިންޓަ މިލާނާ އެއްވަރުކޮށް، ޕޮއިންޓެއް ހޯދައިފިއެވެ.

މިވަގުތު ލީގުގެ އެއްވަނައިގައި އޮތް އިންޓަ ކައިރިން ނަޕޯލީ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ހޯދަން އިންޓައަށް ފުރުސަތު އޮތެވެ.

އެ ފުރުސަތު ގެއްލި، އިންޓަ މިވަގުތު އެއްވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 19 މެޗުން 43 ޕޮއިންޓާއެކުގައެވެ. އިންޓައާ އެންމެ ގާތުގައި އޮތީ މިހަފުތާގައި ކުޅުނު މެޗުގައި ފިއޮރެންޓީނާއާ އެއްވަރުވި އޭސީ މިލާނެވެ. އެއީ 19 މެޗުން 40 ޕޮއިންޓާއެކުގައެވެ.

ނަޮޕޯލީން ތިންވަނައިގައި އޮތީ 19 މެޗުން 39 ޕޮއިންޓާއެކުގައެވެ. އޭގެ އިތުރުން ހަތަރު ވަނައިގައި އޮތް ރޯމާ އަށްވެސް 39 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް އެވަރަށް ޕޮއިންޓް ލިބިފައި ވަނީ 20 މެޗުންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ފެޑެރީކޯ ޑިމާކޯގެ ގޯލުން އިންޓައިން ލީޑު ނެގި ނަމަވެސް ހާފު ނިމުމުގެ ކުރިން މެކްޓޮމިނޭ ވަނީ އެއްވަރު ކޮށްފައެވެ. ދެވަނަ ހާފު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، 71 ވަނަ މިނެޓުގައި އެންޓޯނިއޯ ކޮންޓޭއަށް ވަނީ ރަތް ކާޑެއްވެސް ދައްކައިފައެވެ.

އެއީ ޕެނަލްޓީއެއްގެ ސަބަބުން އެކަމާ ޝަކުވާ ކުރުމުން ކޮންޓޭއަށް ދެއްކި ރަތް ކާޑެކެވެ. އެ ޕެނަލްޓީގައި އިންޓަގެ ހަކާން ޗަލަނޮގްލޫ ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފައިވާ އިރު، ސްކޮޓް މެކްޓޮމިނޭ ވަނީ 81 ވަނަ މިނެޓުގައި ނަޕޯލީއަށް ޕޮއިންޓެއް ހޯދައިދީފައެވެ.