ތ. ވިލުފުށީގައި އިމާރަތްކުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލައި، އުސޫލު އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ ވިލުފުށީގެ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިއަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ވިލުފުށިން ދޫކުރަނީ ތިން ކޮޓަރިއާއި ތިން ފާހާނާއާއި ސިޓިން ރޫމެއް އަދި ބަދިގެއެެއް ހިމެނޭ ހައުސިން ޔުނިޓްތަކެކެވެ. މިނިސްޓްރީން ބުނީ އެއިން ކޮންމެ ހައުސް ޔުނިޓެއް އިމާރަތްކޮށްފައިވަނީ 2،000 އަކަފޫޓު ބަންޑާރަގޯއްޗެއްގައި ކަމަށެވެ. ހައުސިން ޔުުނިޓެެއްގެ ބޮޑުމިނަކީ 1204.69 އަކަފޫޓުކަމަށް މިނިސްޓްރީން ބުންޏެވެ.
އުސޫލުގައިވާ ގޮތުން ވިލުފުށީގެ ރައްޔިތުންގެ އިތުރުން އެ ރަށުގައި ދިރިއުޅޭތާ 10 އަހަރު ވެފައިވާ މީހުންނަށް ހައުސިން ޔުނިޓަށް ކުރިމަތިލެވޭނެއެވެ. ހައުސިން ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 މީހުންނަށް ކަމަށާއި، އެންމެ ގިނައިން ޕޮއިންޓް ލިބޭނީ ތިން ކުދިން ނުވަތަ އެއަށް ވުރެ ގިނަ ދަރިން ތިބި މީހުންނަށްކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން ދަރިން ތިބި އަދަދަށް ބަލައިގެންދޭ ޕޮއިންޓް ތިން ކުދިންނާ ހަމައަށް އިތުރުވާނީ ކުއްޖަކަށް ފަސް ޕޮއިންޓްގެ ރޭޓުންކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.
ދަރިންގެ އަދަދަށް ބަލައިގެން ދޭ ޕޮއިންޓްގެ އެންމެ މަތީ ސީލިންގަކީ 20 ޕޮއިންޓުކަމަށްވެސް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.
މުހައްމަދު އިޝާން
ތ. ވިލުފުށި
ތ. ވިލުފުށި
ތ. ވިލުފުށި