ދިރާގުން ލިމިޓެއް ނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހާއްސަކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ އާ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ދިރާގު މިއަދު ބުނީ އެ ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދިނުމުގެ އިތުރުން، ސްމާޓް ހޯމް ސޮލިއުޝަންތަކާއެކު ގޭތެރޭގެ ރައްކާތެރިކަން އިތުރުކުރުމަށް ފުރުސަތު ދިނުމުގެ މަގުސަދުގައި ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ދިރާގުން ބުންޏެވެ. އެ ޕްރޮމޯޝަންގައި އާ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށްވެސް ބައިވެރިވޭނެކަމަށް ދިރާގުން ބުންޏެވެ.

ޕްރޮމޯޝަންގެ ދަށުން ލިމިޓެއް ނެތް ފައިބާ ބްރޯޑްބޭންޑް 30 އެމްބީޕީއެސް ނުވަތަ އެއަށް ވުރެ މަތީ ސްޕީޑެއްގެ އާ ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް "އިންޑޯ ސްމާޓް ކެމެރާ" އެއް ހިލޭ ލިބޭނެކަމަށް ދިރާގުން ބުންޏެވެ. އަދި 50 އެމްބީޕީއެސްއިން ފެށިގެން މަތީގެ ޕެކޭޖެއް ހިޔާރުކުރާ ފަރާތްތަކަށް "އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް" އެއް ހިލޭ ލިބެން ހުންނާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިހާރުވެސް ދިރާގު ފައިބާ ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި 30 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑަކަށް ޕެކޭޖް އަޕްގްރޭޑް ކުރާ ފަރާތްތަކަށްވެސް "އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް" އެއް ހިލޭ ލިބެން ހުންނާނެ ކަމަށެވެ.

ހިލޭ ލިބޭ ކެމެރާތަކުގެ އިތުރުން، ޕްރޮމޯޝަންގައި ބައިވެރިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތެއް ނަގާނެކަމަށް ދިރާގުން ބުންޏެވެ. ޖުމްލަ ހަތަރު ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށާއި، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެކަމަށް ދިރާގުން ބުންޏެވެ.

މިއީ ދިރާގުގެ އިތުބާރު ހުރި ފައިބާ ކަނެކްޓިވިޓީ މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ޑިޖިޓަލް ތަޖުރިބާ މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއްކަމަށް ދިރާގުން ބުންޏެވެ.