ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މިއަހަރަށް މަޖިލީހުގެ މަސައްކަތް ފަށާ ދުވަހަކީ، ފެބުރުއަރީމަހުގެ ފަހެއްވާ ބުރާސްފަތި ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުالله ނިންމަވާފައިވާ ކަމަށެވެ.
އެ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށްވެސް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން، އެދުވަހުގެ ޖަލްސާގައި އޮންނާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވެވުން އެކަންޏެވެ.
އެއީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އިއްވަން ޖެހޭ ބަޔާނެކެވެ.
ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވެވުމުން، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތް ވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރ،ު ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަން ވާނެއެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރާނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރުން ފިޔަވައި މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތް ނުވާ މެންބަރުންގެ ހިޔާލާއި ފިކުރު ހިމަނައިގެން ކަމަށާއި، މެންބަރުންގެ ހިޔާލާއި ފިކުރު ހޯދާނީ މިކަމަށް ބާއްވާ ބައްދަލުވުމެއްގައި މަޝްވަރާކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.
ރިޔާސީ ބަޔާނަށް ދޭ ޖަވާބު ތައްޔާރުވުމުން އެކަމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް ބާއްްވައިދިނުމަށް، އެ ޖަވާބު ދޭ ފަރާތުން މަޖިލީހުގެ ރައީސަށް އެންގުމުން މަޖިލިސް ޖަލްސާއެއްގައި އެ ޖަވާބު ދެވޭނެގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭންވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފއިވެއެވެ.
ރިޔާސީ ބަޔާން އިއްވުމުގައ،ި ވަގުތުން ދުރަށް ފޮނުވުމަށް ހަރަކާތްތެރިވި ފަރާތްތަކުން ރިޔާސީ ބަޔާނުގެ ޖަވާބުވެސް ހަމަ އެ އުސޫލުން ވަގުތުން ދުރަށް ފޮނުވައިދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި، އެ ބަޔާނަށް ޖަވާބު ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ 2025 ވަނަ އަހަރު ބޭއްވި ޖަލްސާތަކުގައި 15 ބިލެއް ފާސްކޮށް އެ އަހަރުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައީ، 3 ޑިސެމްބަރުގައެވެ.
ނަމަވެސް ޗުއްޓީގައި އޮވެ ދައުރުން ބޭރުން މިމަހުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަަ ދެ ޖަލްސާ ބާއްވައިފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެއީ މަޖިލީހުގެ 31 މެންބަރަކު މަޖިލިސް ގަވާއިދުގައިވާގޮތުގެމަތިން ސޮއިކޮށް ހުށަހެޅުމުން ބާއްވަން ނިންމި ޖަލްސާތަކެއް ކަމަށެވެ. މަޖިލީހުން ތިން މަސައްކަތެއް ނިންމައިދިނުމަށް އެ މެންބަރުން އެދިވަޑައިގެންފައިވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެއީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ރައީސަކު އައްޔަން ކުރެއްވުމާއި، ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ހުށަހަޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
މިގޮތުން ދައުރުން ބޭރުން މިމަހު ހަތަރުވަނަ ދުވަހު ބޭއްވި ފުރަތަމަ ޖަލްސާގައި އެ ބިލްތައް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރުމަށްފަހު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ވަނީ ކޮމިޓީތަކަށް ފޮނުވައިފައެވެ. އަދި މިމަހު ހަ ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގައި އެޗްއާރުސީއެމްގެ ރައީސްކަމުގެ މަގާމަށް ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ވަނީ ރުހުން ދީފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ ދައުރުން ބޭރުން އަދިވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހިއްޖެ ނަަމަ ބާއްވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް