މިދިޔަ 2025 ވަނަ އަހަރު ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ދައުލަތަށް 3.8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 1.5 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

ޑިޕާޗާ ޓެކުހަކީ، ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕާޗާ ޓެކްސް ނަގަން ފެށީ، 2022 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، (މީރާ)ގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.9 ބިލިޔަން ރުފިޔާއެވެ. ނަމަވެސް އޭގެ ކުރީ އަހަރު، 2024 ވަނަ އަހަރު ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނީ، 1.1 ބިލިއަން ރުފިޔާއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2025 ވަނަ އަހަރު ދައުލަތަށް 1.9 ބިލިޔަން ރުފިޔާ ލިބުނުއިރު، އޭގެ ކުރީ އަހަރު، 2024 ވަނަ އަހަރު ލިބިފައިވަނީ، 1.2 ބިލިއަން ރުފިޔާއެވެ.

ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓު ފީ އެއްކޮށްލައިގެން 2025 ވަނަ އަހަރު ދައުލަތަށް 3.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ނަމަވެސް 2024 ވަނަ އަހަރު ލިބުނީ 2.3 ބިލިޔަން ރުފިޔާ އެވެ. އެހެންކަމުން މިއީ، 65.7 ޕަސެންޓް އިތުރުވުމެއް ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.