އިރާނުގައި ކުރިޔަށް ދާ މުޒާހަރާތަކުގެ ސަބަބުން މުއާސަލާތީ ގުޅުންތައް ކަނޑާލައިފިއެވެ.

އިރާނުގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރާތާ ދެ ހަފުތާ ވެފައިވާ އިރު، އެ މުޒާހަރާތަކުގެ ސަބަބުން އެ ގައުމުގައި ދާޚިލީ ހަމަނުޖެހުން ވަނީ ބޮޑު ވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އިރާނުގެ ސަރުކާރުން ވަނީ އެ ގައުމުގައި އިންޓަނެޓުގެ އިތުރުން މުއާސަލާތީ ހުރިހާ ގުޅުމެއް ކަނޑާލައިފައެވެ.

މުޒާހަރާތަކުގެ ސަބަބުން މިހާތަނަށް 72 މީހަކު މަރުވެފައިވާ އިރު، 2300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.

މުޒާހަރާގެ ބައިވެރީން އެ ގައުމުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ސަރުކާރާ ގުޅުން ހުރި އިމާރާތްތައް ވެސް ހަލާކު ކުރަމުން ދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ ސުޕްރިމް ލީޑަރު އާޔަތުﷲ ހާމަނާއި ވަނީ އެ ގައުމުގައި އާންމުން ކުރަމުން ދާ މުޒާހަރާތަކަށް އެމެރިކާ އާއި އިޒްރޭލުން ސީދާ ގޮތެއްގައި އެހީތެރިވަމުން ދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އިރާނުގެ ގައުމީ ޓީވީ މެދުވެރިކުރައްވައި ނެރުނު ބަޔާނެއްގައި އެ ގައުމުގެ އެޓާނީ ޖެނެރަލް މުހައްމަދު މޮވަހެދީ އަޒާދު ވިދާޅުވީ މުޒާހަރާ ކުރާ އެންމެނަށް އޮތީ މަރުގެ ހުކުމް ކަމަށާއި އެ ކަމުގައި އެހީތެރިވާ މީހުނަށް ވެސް އޮތީ އެގޮތް ކަމަށެވެ.

އިރާނުގެ އާންމުން ކުރަމުން ދާ މުޒާހަރާތައް ހޫނު ކުރުމަށް އެމެރިކާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ޚަބަރުތައް ބުނެއެވެ. އެ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ މުޒާހަރާގެ ބައިވެރީންނަށް އެހީތެރިވާން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފައެވެ.