އަންހެނެއްގެ ބޮލުގައި ޖަހައި، މާރާމާރީ ހިންގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނެފައިވަނީ ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގި މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގެ ތުހުމަތަށް ގ. ޝަރާޒް، އަލީ އިމްރާން ވަހީދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ރޭ ހިނގި އެ މަރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނެކާއި، އަންހެނެކެވެ. ވީޑިއޯއިން އެ މީހުން ޒުވާކުރާ އަޑުއިވޭއިރު އެކަކު ދިޔައީ، އަންހެން މީހާއައި ދެން ހުރި ފިރިހެން މީހާގެ ދެމެދަށް ވަދެ، ދެ މީހުން ދުރުކުރަން މަސައްކަތް ކުރަމުންނެވެ.

ވަކި ހިސާބަކުން އެ ފިރިހެން މީހާގެ އަތްދަށުން ސަލާމަތްވެ، ޓީޝާޓެއް ނުލައި ހުރި ފިރިހެނަކު، އަންހެން މީހާގެ ބޮލުގައި އެތައް ފަހަރަކު ބާރަށް ޖަހައެވެ. އެއަށްފަހު ފެންނަނީ އެ ފިރިހެން މީހާ ދުވެފައި ގޮސް އެ ގޯޅިން ނުކުންނަ މަންޒަރެވެ.