ކެންސަރަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ފޮނުވާ މީހުންގެ ނިސްބަތް 126 ޕަސަންޓަށް އިތުރުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދުވަނީ "އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓް" އާންމުކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2015 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 14،311 ކޭސް ފޮނުވާފައިވެއެވެ.

"އަދި މި މުއްދަތުގައި ރާއްޖެއިން ބޭރަށް ފޮނުވި ކޭސްތަކުގެ އަދަދު 126 ޕަސަންޓް އިތުރުވެފައިވާއިރު، މިއީ އެވެރެޖުކޮށް އަހަރަކު ނުވަ ޕަސަންޓުގެ އިތުރުވުމެއް" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން އެކަށީގެންވާ މަސައްކަތެއްވެސް ކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެގޮތުން އާސަންދައިން، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއެކު ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ދޭ ސެންޓަރެއް ގާއިމުކުރުމަށް 15 އެޕްރީލް 2017 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކެންސަރު ބަލީގެ ހިދުމަތް ފޯރުކޮށްދެވިފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އަދި ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވެފައިވާކަމަށް ރިކޯޑުތަކުން ފެންނަން އޮތްއިރު، ބަލިތައް އިތުރުވާ ސަބަބު ދެނެގަތުމަށް ބައްޔާގުޅޭ ސާވޭއެއް ހެދިފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކުރިއެވެ.

އަދި ކެންސަރު ބަލި މީހުންގެ ދަފުތަރު އެކުލަވަލައި ނިމިފައިނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކުރިއެވެ.