ބޭސް ސިޓީ ފޯޖުކޮށްގެން 175،174 ރުފިޔާގެ ބޭސް އާސަންދައިން ނެގި މައްސަލައެއް އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިއަދުވަނީ "އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓް" އާންމުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެހެން މީހުންގެ ނަމުގައި އޮޅުވާލައިގެން ބޭސް ނަގަމުންދާ މައްސަލަތަކެއް އާސަންދަށް ހުށަހަޅާފައިވީ ނަމަވެސް އެކަން ހުއްޓުވުމަށް އާސަންދައިން ފިޔަވަޅެއް އަޅާފައިނުވެއެވެ.
"އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި ބޭސް ނެގިކަމުގެ ޝަކުވާ އާސަންދައަށް ހުށަހަޅާފައިވީ ނަމަވެސް، އާސަންދައިން އެކަށީގެންވާ ފިޔަވަޅު އަޅައިފައި ނުވާކަމާއި، މިގޮތުން ޖުމްލަ 175،174 ރުފިޔާގެ ބޭސް އެކި ފަރާތްތަކުން އެހެން މީހުންގެ ނަމުގައި ނަގާފައިވާކަން އޮޑިޓް ސާމްޕަލްގެ ގޮތުގައި ބަލައިފައިވާ ކޭސްތަކުން ފާހަގަކުރެވިފައިވެއެވެ" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ އާސަންދަ ސްކީމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅޭނެ އުސޫލެއް ގާއިމުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ވިނަވި ޕޯޓަލުގައި އެފަދަ ފަރާތްތައް ރެސްޓްރިކްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އާސަންދައިން މައުލޫމާތު ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ފަހުކޮޅު ވިނަވި ސިސްޓަމްގައި "އޯޕާލެޕް ފީޗާ" ތައާރަފުކޮށްފައިވާ ކަމަށާއި، އެއާއެކު ބޭސް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ބޭސް ނަގާ ނަމަ، ވިނަވި ސިސްޓަމްގެ ތެރެއިން، ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ސަމާލުކަމަށް އެކަން ގެނެވިދާނެކަމަށް އާސަންދައިން މައުލޫމާތު ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
މުހައްމަދު އިޝާން
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް