ވެނެޒުއެލާގެ ސަލާމަތީ ބާރުތަކުން ނޫސްވެރިން ހައްޔަރުކުރަން ފަށައިފިއެވެ.

އެމެރިކާއިން ވެނެޒުއެލާއަށް އަރައި ދިން ކުއްލި ހަމަލާތަކަކަށްފަހު އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށް އެމެރިކާއަށް ވަނީ ގެންގޮސްފައެވެ.

މަޑޫރޯ ހައްޔަރުކުރުމަށްފަހު އެގައުމުގައި ހިނގަމުންދާ ދާހިލީ ކަންކަމުގެ ހަބަރުތައް ނޫސްތަކުން ކަވަރުކުރަމުން އަންނަ އިރު، އެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިން ހައްޔަރު ކުރަމުން ދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެނެޒުއެލާގެ ސަރުކާރު ހިންގުމާ އެގައުމުގެ ނައިބު ރައީސް ހަވާލުވެވަޑައިގެންފައިވާ އިރު، އެގައުމުގެ އެކި ކަންކޮޅުތަކަށް ވަނީ ސަލާމަތީ ބާރުތަކުން ފޯރިމަރަން ފަށައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ސަލާމަތީ ބާރުތަކުން ހިންގަމުންގެންދާ އޮޕަރޭޝަންގައި މިހާތަނަށް 14 ނޫސްވެރިޔަކު ހައްޔަރު ކޮށްފައިވެއެވެ.

ވެނެޒުއެލާގައި ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޔޫނިއަން އިން ވަނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ގައުމުން ބޭރު ނޫސްވެރިންވެސް ހިމެނޭ ކަމަށާއި ފަހުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެތެރެއިން އެކަކު ޑިޕޯޓުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ނޫސްވެރިން ހައްޔަރުކޮށް އެމީހުން ގެންގުޅުނު އާލާތްތައް ބަލައި ފާސްކޮށް ފޯނުތައް ވެސް ބަލައި ވަނީ ފާސްކޮށްފައެވެ.