އެޑްމިޓްކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިރޭ ވިދާޅުވީ ސްކޫލް ޗުއްޓީގައި ރާއްޖެއިން 7،000 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާ ކަމަށެވެ. އެ ހުރިހާ އުމްރާވެރިންގެ ހާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެޑްމިޓްކުރެވިފައިވާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މިދަނީ ކުރަނީ" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބަލިމީހާ މިމަހުގެ 10 ވަނަ ދުވަހުގައި ރާއްޖެއަށް ގެނެވޭނެ ކަމަށެެވެ.

ބަލިމީހާ ރާއްޖެ ގެނައުމަށް، އައިޖީއެމްއެޗުންނާއި، މޯލްޑިވިއަންގެ ފަރާތުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ.