ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ރައީސްކަމުގެ މަގާމަށް ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ. މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް މިހާރު އޮތީ ހުސްކޮށެވެ. އެ މަގާމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ މިނިސްޓަރެވެ. ނަމަވެސް ސިއްހީ ހާލު ހުރިގޮތުން މިނިސްޓަރުކަމުން އިސްތިއުފާދެއްވީ، އެކެއް ޑިސެންބަރު 2024 ގައެވެ.

އެޗްއާރުސީއެމްގައި ފަސް މެންބަރުން ތިއްބަވައެެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަފީގް މަހްމޫދާއި، މެންބަރު ސަމާއު އަހްމަދު ނަޖީބާއި، އިސްމާއިލް ހަބީބާއި އަހްމަދު މަގުސޫމްގެ އިތުރުން ޑރ. އާއިޝަތު ރަމީލާއެވެ.