ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން "ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް" ޕެކޭޖުތަކެއް އެލައިޑް އިންޝުއަރެންސުން ތައާރަފުކޮށްފިއެވެ.

ކުދި، މެދު ނުވަތަ ފުޅާވަމުން އަންނަ ކޮންމެ ފަންތިއެއްގެ ވިޔަފާރިއެއް ހިންގި ކަމުގައިވިޔަސް، ވިޔަފާރީގެ އެންމެ ބޮޑު ކާމިޔާބީގެ އަސްލަކީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންކަން ފާހަގަކުރަމުން، އެލައިޑުން ނެރުނު ބަޔާނެއްގައި ބުނީ ގިނަ ވިޔަފާރިތަކަކީ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދޭން ބޭނުންވާ ވިޔަފާރިތަކެއް ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.

ނަމަވެސް އެކަމަށް އެކަށީގެންވާ ފުރިހަމަ ކަވަރޭޖެއް ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ހައްލެއް ހޯދުމަށް "ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް" ޕެކޭޖުތައް ތައާރަފުކޮށްފައިވާ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން ބުނީ އެއީ މުވައްޒަފުންނަށް އިތުބާރު ހުރި ރަައްކާތެރިކަމެއް ފޯރުކޮށްދިނުމަށާއި، ވިޔަފާރިވެރިންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި ފަރުމާކުރެވިފައިވާ ޕެކޭޖުތަކެއް ކަމަށެވެ.

އެ ޕްލޭންތަކުގެ ދަށުން ކަވަރޭޖު ލިބިގެންދާނެ ކަންތައްތައް:

  • އިންފޭޝަންޓް ހިދުމަތްތައް: ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދޭ ފަރުވާ، އޮޕަރޭޝަންތައް އަދި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާ
  • އައުޓްޕޭޝަންޓް ހިދުމަތްތައް: ޑޮކްޓަރަށް ދެއްކުން، ޓެސްޓުތައް ހެދުން، ބޭސްފަރުވާގެ ހަރަދު އަދި މިނޫން ވެސް އިތުރު ހިދުމަތްތައް

އެލައިޑުން ބުނީ އެ ޕެކޭޖުތަކަކީ މެނޭޖުކުރަން ފަސޭހަ އަދި މުވައްޒަފުންގެ އަދަދަށް ބަލައި، ވިޔަފާރިއަށް އެންމެ އެކަށީގެންވާ ގޮތަށް ގެނެވޭނެ ޕެކޭޖުތަކެއް ކަމަށާއި އެ ޕްލޭންތަކުގެ ދަށުން "ޕާސަނަލް އެކްސިޑެންޓް ކަވަރޭޖު" އިހުތިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

"ޕާސަނަލް އެކްސިޑެންޓް ކަވަރޭޖު"ގެ ދަށުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދަ ކުއްލި ހާދިސާތަކުގައި މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދޭ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑް އިންޝުއަރެންސާއެކު ލިބޭނީ ހަމައެކަނި އިންޝުއަރެންސް ޕޮލިސީއެއް ނޫން ކަމަށާއި ވިޔަފާރީގެ މުވައްޒަފުންނާއި ވިޔަފާރި ރައްކާތެރިކުރުމުގައި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދޭނެ އިތުބާރު ހުރި ބައިވެރިއެއް ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑްގެ ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން އެލައިޑްގެ ހޮޓްލައިން ނަމްބަރު 1600 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.