ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް, ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

ތާރީހީ ކުލަގަދަ ހަފުލާއަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލާއެކު މި އަހަރުގެ މިނިވަން ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެމްއޭސީއެލުން ބުނިގޮތުގައި ޓާމިނަލް 1 އިން މިހާރު ދަނީ 41 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އަދި މިހާތަނަށް 600,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ.

ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް, ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވަނީ މި އަހަރުގެ މިނިވަން ދުވަހު އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރި ބުރަ އަދި ބޮޑު މަސައްކަތް ފާހަގަކުރައްވައިފައެވެ. އެގޮތުން އެމްއޭސީއެލްގެ މުވައްޒަފުން, އެ މުވައްޒަފުންގެ އާއިލާއާ ދުރުގައި އެތައް ގަޑިއިރެއް ހޭދަކުރި އިރު, އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތްކުރީ އަމިއްލަ ނަފުސު އެއްފަރާތްކޮށް, އެމްއޭސީއެލް ވަންތަވެގެން ކަމަށް ވިދާޅުވިއެވެ.

ޓާމިނަލް 1 ހުޅުވުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ގައުމަށާއި އެމްއޭސީއެލްއަށް ކޮށްދިން ކަމެއް ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ. އަދި މުވައްޒަފުންގެ އަމާޒަކަށްވާންވީ ގުޅިގެން މަސައްކަތްކޮށް, ކުންފުނި އާ އުސްމިންތަކަކަށް ގެންގޮސް މި އަހަރަށްވުރެ ކާމިޔާބު އަހަރަކަށް އަންނަ އަހަރު ހެދުމަށް ކަމަށް ސީއީއޯ ވިދާޅުވިއެވެ.