"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ގާއިމުކުރާ "ސަސްޓެއިނަބަލް ޓައުންޝިޕް" ތަކުގައި އިންވެސްޓް ކުރުމުގެ އެންމެ ކުޑަ އަދަދު، މިދިޔަ މަހު 10ގައި އަމަލުކުރަން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނުނަށް އަށް އިސްލާހުގައި އަދި މިދިޔަ ޖެނުއަރީ މަހު ޝާއިއު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 1/2025 އިން ވަނީ ކަނޑައަޅައިފައެވެ.

"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި އެސްއީޒެޑެއް ތަރައްގީކުރުމަށް ޓަކައި ކްރިސްޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

އެސްއީޒެޑެއްގެގޮތުގައި "ޕްރޮޖެކްޓް އައިލާ" ރައީސް މިއަދު ކަނޑައެޅުއްވި އިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދީފައިވާ ކަންކަމަކީ؛

  1. ލަގްޒަރީ ވިލާ އަދި ހައި-އެންޑް ހޯމްސް ހިމެނޭހެން ތަރައްގީކުރެވޭ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް
  2. ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުން.
  3. ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރުން
  4. އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓް، ހޮޓެލް އަދި މެރީނާއެއް ގާއިމުކުރުން
  5. ޒޯނުގައި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝިއަންޓް އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 އަކީ އިއާދަކުރަނިވި ހަކަތައަށްވުން
  6. ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި މަދުކޮށް، ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަކަލްޗަރުގެ ވަސީލަތްތައް ގާއިމުކުރުން.
  7. ޒޯންގައި ދިރިއުޅޭ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން
  8. ޒޯންގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން.

ރައީސް އޮފީހުން ބުނީ މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ގަރާރުގައި ހިމަނައި، ޒޯނުގައި ހިންގާ ވިޔަފާރިތަކުގެ ވިޔަފާރި އާމްދަނީން ޓެކްސް ނެގޭނެ އުސޫލު ބަޔާންކުރުމުގެ އިތުރުން، އެސްއީޒެޑެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ގަރާރުގެ ބައެއްގެ ގޮތުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.