ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ޖަނާޒާ މިއަދު މެންދުރުފަހު ޑާކާގައި އޮންނާނެ ކަމަށް ބަންގުލަދޭޝްގެ ސަރުކާރުން ބުނެފިއެވެ.

ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި އަވާހަރަވި ހާލިދާ ޒިޔާގެ ޖަނާޒާގެ ކަންކަމަށް ބަންގުލަދޭޝްގެ ސަރުކާރުން ތައްޔާރުވަމުން އަންނަ އިރު، ޖަނާޒާގައި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަދު މެންދުރުފަހު 2:00 އަށް ތާވަލުކޮށްފައިވާ އެ ޖަނާޒާގައި ބައިވެރިވުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރަސްމީ އިއްޒަތުގައި ހާލިދާ ޒިޔާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ފިރިކަލުން އަދި އެގައުމުގެ ކުރީގެ ރައީސް ޒިއައުރް ރަހްމާންގެ މަހާނައާ ޖެހިގެން ކަމަށް ބަންގުލަދޭޝްގެ ސަރުކާރުން ބުނެއެވެ.