އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 3 އެވޯޑެއް ދިރާގުގެ 5ޖީ ހިދުމަތަށް ލިބިއްޖެއެވެ.

ދިރާގުން މިއަދު ބުނި ގޮތުގައި އެ އެވޯޑްތަކަކީ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް'، 'ބެސްޓް 5ޖީ ނެޓްވޯކް' އަދި 'ބެސްޓް 5ޖީ ގޭމިންގ އެކްސްޕީރިއަންސް' އެވޯޑު Q1-Q2 2025 އެވެ.

ދިރާގުން ބުނިގޮތުގައި މި ކާމިޔާބީން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ. އެގޮތުން، 2019 އަހަރު، ދިރާގަކީ ސައުތު އޭޝިއާ އަދި، ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފުކުރި ފުރަތަމަ ސާވިސް ޕްރޮވައިޑާ ކަމަށާއި މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ %73 އަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައި ކަމަށް ދިރާގުން ބުންޏެވެ.

ކަނެކްޓިވިޓީ އިންޓެލިޖެންސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ އޫކްލާއިން، ސްޕީޑްޓެސްޓް، ޑައުން ޑިޓެކްޓާ، އެކަހައު، އަދި ރޫޓްމެޓްރިކްސް މެދުވެރިކޮށް، ނެޓްވޯކް އަދި ކަނެކްޓިވިޓީއާ ބެހޭ ތަފާތު މައުލޫމާތު ފޯރުކޮށްދެއެވެ. އެ މައުލޫމާތުތަކުގެ އެހީގައި، ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެ، އަމަލީ ގޮތުން ބޭނުން ކުރެވޭ ފަދަ މައުލޫމާތުތަކައް ބަދަލުކޮށްދެއެވެ.

ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވޯކް' ވިދިވިދިގެން ތިން އަހަރު ހޯދައި އަދި 'ފާސްޓަސްޓް 5ޖީ ނެޓްވޯކް' ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފައެވެ.

މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.