ބަންގުލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިޔާ އަވަހާރަވެއްޖެއެވެ.
ހާލިދާ ޒިޔާ އަވަހާރަވެފައިވަނީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވާހަރަވިއިރު ހާލިޔާ ޒިޔާގެ އުމުރުފުޅަކީ 80 އަހަރެވެ. އެކަމަނާ އުފަންވެވަޑައިގެންފައިވަނީ 1945 ވަނަ އަހަރުގައެވެ.
އެކަމަނާ ވަނީ މީގެކުރިން ހިތުގެ އާލާސްކަންފުޅަކަށްވެސް ފަރުވާ ހޯއްދަވައިފައެވެ.
ހާލިދާ ޒިޔާއަކީ ބަންގުލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރެއްވި ކަނބަލެކެވެ. 1990 ވަނަ އަހަރު ބަންގުލަދޭޝްގައި އޮތް އަސްކަރީ ވެރިކަން ވައްޓާލުމުގައި ހާލިދާ ޒިޔާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އެއަށްފަހު 1991 ވަނަ އަހަރު ބޭއްވި ޑިމޮކްރަޓިކް އިންތިހާބު ކާމިޔާބުކުރައްވައި ހާލިދާ ޒިޔާ، ބަންގުލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވިއެވެ. ވެރިކަމަށް ވަޑައިގެން އެކަމަނާ ވަނީ ބަންގުލަދޭޝްގެ ވެރިކަމުގެ ނިޒާމު ބަރުމަލާނީ ނިޒާމަކަށް ބަދަލުކުރައްވައިފައެވެ.
ބަންގުލަދޭޝްގައި 1996 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ހާލިދާ ޒިޔާ ވާދަކުރެއްވި ނަމަވެސް އެ އިންތިހާބު ކާމިޔާބުކުރެއްވީ ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާއެވެ. ނަމަވެސް އެ ފަހުން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި ހާލިދާ ޒިޔާ އަނެއްކާވެސް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވިއެވެ.
ނަމަވެސް ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ބަންގުލަދޭޝްގެ ހައްދުފަހަނައެޅި ގްރޫޕުތަކުން ވަނީ އެކަމަނާގެ ވެރިކަން ވައްޓާލައިފައެވެ. އޭރު އެކަމަނާއަށް ވަނީ ހިޔާނާތުގެ ތުހުމަތުތައް ކުރެވެން ފަށައިފައެެވެ.
ބަންގުލަދޭޝްގައި 2009 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ޝެއިހު ހަސީނާއެވެ. ހަސީނާގެ ސަރުކާރުގައި ހާލިދާ ޒިޔާގެ މައްޗަށް ދައުވާކޮށް އެކަމަނާ ޖަލަށްލިއެވެ. އޭގެފަހުން ހާލިދާ ޒިޔާ ސިޔާސީ މަޝްރަހުގައި އެހާ ގިނައިން އުޅެފައެއް ނުވެއެވެ.
އޭގެކުރިން 2006 ވަނަ އަހަރު ހާލިޔާ ޒިޔާ އަދި ޝެއިހު ހަސީނާގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޖަލަށްލައިފައިވެއެވެ. އެ ދެ ކަނބަލުން ޖަލުން މިނިވަންވެފައިވަނީ 2008 ވަނަ އަހަރުގެ އިންތިހާބުގެ ކުރިންނެވެ.
މުހައްމަދު އިޝާން
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް