މި މަހުގެ 18ގެ ނިޔަލަށް، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 36.9 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސުން މިއަދު ބުނީ މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު، 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ. އެ މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ޓީޖީއެސްޓީ އިންނެވެ.
އެގޮތުން ޖުމްލަ ޓީޖީއެސްޓީގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 1.3 ބިލިއަން ރުފިޔާ ނުވަތަ 15.1 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، ޖީއެސްޓީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައި ހިއްސާ ކުރަނީ ޓީޖީއެސްޓީ ކަމަށެވެ. ފިނޭންސުން ބުނީ އެކަމުގެ ސަބަބުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ހަލުވިވާން ފަށާފައިވާ ކަމަށެވެ.
އާމްދަނީގެ އިތުރު ބައިތަކަށް ބަލާ އިރު، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.0 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 2.5 ބިލިއަން ރުފިޔާ އިތުރުވެ 27.5 ބިލިއަން ރުފިޔާއަށް (10.0 އިންސައްތަ) އިތުރުވެފައިވާ އިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 7.5 ބިލިއަން ރުފިޔާއިން 9.1 ބިލިއަން ރުފިޔާއަށް (1.6 ބިލިއަން ރުފިޔާ؛ 21.2 އިންސައްތަ) އިތުރުވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިމަހުގެ 18ގެ ނިޔަލަށް ޖުމްލަ ހަރަދުތައް 38.9 ބިލިއަން ރުފިޔާއަށް އަރައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާގައި ހަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ދަރަނީގެ ހިދުމަތަށް ކުރެވުނު ހަރަދުތަކެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން، މުހިންމު ހަރަދެއް ކަމަށްވާ ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ އިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދު ކުރެވުނު 3.6 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 190.3 މިލިއަން ރުފިޔާ ނުވަތަ 5.3 އިންސައްތަ ކުޑަ އަދަދެއް ކަމަށެވެ.
މިމަހުގެ 18ގެ ނިޔަލަށް، ޕީއެސްއައިޕީ އަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެއިން އެންމެ ބޮޑަށް ހަރަދުކޮށްފައި ވަނީ ދަތުރުފަތުރުގެ ދާއިރާއަށް ކަމަށެވެ. އެގޮތުން، 4.4 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ އިރު، އޭގެ ތެރޭގައި އެއާޕޯޓު ތަރައްގީ ކުރުމަށް 3.2 ބިލިއަން ރުފިޔާ އާއި ބްރިޖް ހެދުމަށް 870.3 މިލިއަން ރުފިޔާ ހިމެނެއެވެ. ސިއްހީ ދާއިރާއަށް ކުރެވުނު ޕީއެސްއައިޕީ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 145.5 މިލިއަން ރުފިޔާއިން 453.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 307.7 މިލިއަން ރުފިޔާ ނުވަތަ 211.5 އިންސައްތަ އިތުރުވުމެކެވެ.
އޭގެ އިތުރުން އެ ރިޕޯޓުގައިވާ ގޮތުގައި ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް 2.0 ބިލިއަން ރުފިޔާއަށް ވަނީ ކުޑަވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓު ކުރެވުނު 11.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 9.5 ބިލިއަން ރުފިޔާ ނުވަތަ 82.5 އިންސައްތަ ކުޑަ ޑެފިސިޓެކެވެ. ޕްރައިމަރީ ބެލެންސް 2.5 ބިލިއަން ރުފިޔާގެ ސަރަޕްލަސްއަކަށް ވަނީ ރަނގަޅުފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތުގައި ހުރި 6.9 ބިލިއަން ރުފިޔާގެ ޕްރައިމަރީ ޑެފިސިޓްއާ އަޅައި ބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް