މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ސްކީމަށް އަންނަ މަހުގެ 15ގައި ކުރިމަތިލާން ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ އުސޫލު ސަރުކާރުން ގެޒެޓުގައި އާންމުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިހާރު އިއުލާނުކޮށްފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސް ބޯހިޔާވަހިކަމުގެ ސްކީމަށް ޖެނުއަރީ 15ގައި ހުޅުވާލާނެ ކަމަށެވެ.

"މިހާރު ކަނޑައަޅާފައިވަނީ ފޯމު ހުށަހަޅަން ހުޅުވާލަން 15 ޖެނުއަރީ 2026 އަށް. އަދި ފޯމު ހުށަހަޅަން ތިން މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސޯޝަލް ހައުސިންއިން މިހާރު އިއުލާނުކޮށްފައިވާ 7600 ޔުނިޓު އަދި ރަސްމާލެއިން ދޫކުރާ 15000 ގޯތި ދޫކުރަނީ އާއިލީ ބޯހިޔާވަހިކަމުގެ ގޮތުގައި ކަމަށެވެ.

އެގޮތުން އެ މީހެއްގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގެއެއް، ގޯއްޗެއް، ރޯ ހައުސެއް، ފްލެޓެއް އޮތް ފަރާތްތަކަށް މި ސްކީމަކަށް ކުރިމައްޗެއް ނުލެވޭނެ ކަމަށާއި އަދި އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް އޮތް ފަރާތްތަކަށްވެސް ކުރިމަތި ނުލެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން ދެ ހާލަތެއް އިސްތިސްނާވާ ކަމަށާއި އޭގެ ތެރެއިން އެއް ހާލަތަކީ އެއް ކޮޓަރި ލިބިފައިވާ ފަރާތްތަކަށް އެއް ކޮޓަރި ދޫކޮށްލާފައި ސްކީމަށް ކުރިމަތިލެވޭ ހާލަތު ކަމަށެވެ.

"އަދި ހަމައެއާއެކު މިހާރު ކަނޑައަޅާފައިވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ހުރި ނަމަ އަދި އެ އާއިލާއަކަށް ދެ ކޮޓަރި ލިބިފައިވާ ނަމަ އެ ދެ ކޮޓަރީގެ އެޕާޓުމަންޓު ދޫކޮށްލާފައި ތިން ކޮޓަރީގެ އެޕާޓުމަންޓަށް ކުރިމަތިލެވޭ ގޮތަށް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުން އިއުލާނުކުރާ ބޯހިޔާވަހިކަމަކީ މާލޭ މީހުންނަށް ހާއްސަ ސްކީމެއް ކަމަށެވެ.