ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން 3879 ފަރާތަކާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި އެ އެންމެންނަށްވެސް އަންނަ މަސް ނިމުމުގެ ކުރިން ތަޅުގަނޑު ހަވާލުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފުލެޓު ހަވާލުކުރުން ލަސްވެގެން ގޮސްފައިވަނީ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައިނުވުމުން ކަމަށެވެ.

"މި ސަރުކާރު ހަވާލުވީއިރު މަސައްކަތް ނިމިފައިވަނީ 33 ޕަސަންޓު. ދެ އަހަރު ތެރޭ 68 ޕަސަންޓު މަސައްކަތް ނިންމައި ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ނިންމައި ލޭންޑު ސްކޭޕިންގެ މަސައްކަތް ނިންމައި މިހާރު ފްލެޓުތައް އެދަނީ ހަވާލުކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށާއި ތަޅުދަނޑި ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ފްލެޓުތައް ހަވާލުކުރަނީ ފިނިޝިންގެ މަސައްްކަތްތައް ނިންމުމަށް ފަހުގައި ކަމަށެވެ.

ގެދޮރުވެރިޔާ ފްލެޓުގެ ތިން ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،500 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 10،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 8،500 ރުފިޔާއެވެ.

އޭގެ އިތުރުން ދެ ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 6،000 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،000 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 7،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 6،000 ރުފިޔާއެވެ