ހިއުމަން ރައިޓްސް ކޮމިޝަން (އެޗްްއާރުސީއެމް) އިން ކުރި އެއްވެސް ދިރާސާއެއްގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ބެލުމުގެ ސުވާލެއް ހިމަނާފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމަށް އަމާޒުވެފައިވާ ސުވާލުތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަންގެ މަސައްކަތްތައް ބިނާވަނީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ އިން ސޮއިކޮށް އަމަލުކުރަމުން އަންނަ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ، އެކަންކަމާ ހިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް އެ ކޮމިޝަނުން ބަޔާންކޮށްފައި ނުވާނެ ކަމަށެވެ.

"މި ކޮމިޝަނުން ކުރިއަށްގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމް ދީން ނޫން އެހެން ދީނެއް ރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލު ހިމަނާފައެއް ނުވާނެއެވެ" އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރުސީއެމުން ވަނީ އެ ކޮމިޝަންގެ މަސައްކަތްތައް އަބަދުވެސް ހިނގަމުންދާނީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީ އާއި ރާއްޖެ އިން ސޮއިކޮށްފައިވާ މުއާހަދާގެ އިމުގެ ތެެރޭގައި ކަމުގެ ޔަގީންކަން ދީފައެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ބުނީ ހުރިހާ ވަގުތެއްގައި ވެސް އިސްކުރާނީ އިސްލާމީ ޝަރީއަތާއި އިސްލާމް ދީނުގެ ހަމަތަކާއި ދިވެހިންނާއި ދިވެހި ދައުލަތުގެ މަސްލަހަތު ކަމަށެވެ.